English Edition
Dhivehi Edition

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމީ ބަދަލުތަކާއި އެންވަޔަރަން މަންޓު މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމުކުރުމަށް ހުޅުވާލި ފުރުސަތުގައި 23 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވި އަތޮޅުތަކާއި ރަށްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް މިހާރު ވަނީ އިވެލުއޭޓްކުރަން ފަށައިފައެވެ. “23 އީއޯއައި އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އިވެލުއޭޝަން މަރުހަލާ ނިމުމުން، ނޭޗަރ ޕާކް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ،” ކަމަށް މިނިސްޓރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ނޭޗަރ ޕާކުތަކުގެ އިތުރުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަޔޯސްފިއަރ ރިޒާވް ޤާއިމްކުރުމަށްވެސް ނިންމާފައެވެ. އެގޮތުން، ބަޔޯސްފިއަރ ރިޒާވް އުފެއްދުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. ނަމަވެސް، މިކަމަށް އެދި ހުށައެޅީ އެންމެ ފަރާތަކުންކަން ތިމާވެށީގެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ނޭޗަރ ޕާކުތަކާއި ބަޔޯސްފިއާ ރިޒާވްތައް ގާއިމުކުރުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ގަބޫލުކުރެއެވެ. މިކަމުން، ރާއްޖޭގެ ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލްކުރުމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކަށް ނޭޗަރ ޕާކެއް ގާއިމްކޮށްދިނުމާއި، އިތުރު ތިން ބަޔޯސްފިއަރ ރިޒާވެއް އުފެއްދުމަކީ، ރައީސްގެ ރިޔާސީ ވައުދުފުޅެއް ކަމުގައި މިނިސްޓަރު ޠާރިޤް އިބްރާހީމް ފާހަގަކުރެއްވިއެވެ. ސަރުކާރުން މި ވައުދު ފުއްދުމަށް ފުރިހަމައަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.