English Edition
Dhivehi Edition

ބައިނަލްއަޤްވާމީ ފެންވަރުގައި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ނިންމާ ބޮޑެތި ނިންމުންތަކުގެ އެންމެ ކުރީގައި ދިވެހިރާއްޖެ ހިމެނޭ ކަމަށާއި ތިމާވެއްޓާ ގުޅޭ ނިންމުންތަކުގައި ރާއްޖޭގެ ހިއްސާ ބޮޑުކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަޤްރީރުގައި މިނިސްޓަރ ތޯރިގް ވިދާޅުވީ އެންމެ ފުރަތަމަ ސީ.އެފް.ސީ ބޭނުން ކުރުން ހުއްޓާލި ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، 2020 އަށް ހައިޑްރޯ ކްލޯރޯ ފްލޯރޯ ކާރބަންސް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވާއިރު، މިލަނޑުދަނޑި ހާސިލުކުރާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެކަމީ އެންމެހައި ދިވެހިން ފަރުޚުވެރިވާނޭ ކަމެއް ކަމަށެވެ.

ދުނިޔެ ހޫނުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެކުލަވާލެވިފައިވާ ޕެރިސް އެގްރިމަންޓް ދިވެހިރާއްޖެއިން ތަސްދީގު ކޮށްފައިވާއިރު، އޯޒޯން ފަށަލައިގެ ހިމާޔަތުގައި ކޮށްފައިވާ މަސައްކަތްތަކަކީ އޭގެ ސަބަބުން ޖައްވު ހޫނުވުން ކުޑަކުރުމުގެ ބާރަކަށްވެސް ވެފައިވާ ކަމެއްކަމަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި، ހައިޑްރޯ ފްލޯރޯ ކާރބަންސް ބޭނުންކުރުން މަދުކުރުމަށް ރާއްޖެއިން މަސައްކަތް ފަށާއިރު، މިކަމުގައިވެސް އެންމެހައި ދިވެހީންގެ އެއްބާރުލުން ލިބޭނެކަމަށް ޔަޤީން ކުރައްވާކަމަށެވެ.