English Edition
Dhivehi Edition
އައްޑޫސިޓީގެ މޭޔަރ ކަމަށް ވާދަ ކުރައްވާ މުޙައްމަދު ލަތީފު/ފޮޓޯ އިންޓަނެޓް

މޭޔަރުކަން ލިބިވަޑައިގެންފިނަމަ އައްޑޫސިޓީގައި މުޅި ރާއްޖޭގައިވެސް ނެތް ފެންވަރުގެ ހައިބަތުހުރި އިސްލާމީ ބިނާއެއް ޤާއިމް ކުރައްވާނެ ކަމުގައި އައްޑޫސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މުހައްމަދު ލަތީފް ވަނީ އައްޑޫސިޓީގެ މިސްކިތްތަކުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ މިސްކިތެއް އެއަރކަންޑިޝަން ކުރައްވާނެކަމަށް ވެސް ވިދާޅުވެ އޭގެ އިތުރުން އައްޑޫސިޓީގައި އިސްލާމްދީން ކުރިއެރުވުމަށް ބޮޑެތި ވަޢުދުތަކެއް ވެވަޑައިގެންފައެވެ.

” ރާއްޖޭގައި ބިނާކުރެވޭ އެންމެ ޚިދުމަތްތައް ފުރިހަމަ އެންމެ ހައިބަތުތެރި އިސްލާމީ މަރުކަޒު އައްޑޫސިޓީގައި ބިނާކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ޝައުޤުވެރި ފަރާތްތަކަކާ އަޅުގަނޑަށް ވަނީ ބައްދަލުވެފައި. އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެންމެ ފުރިހަމަ އިސްލާމީ މަރުކަޒު އައްޑޫ ސިޓީގައި އަޅުގަނޑުގެ މޭޔަރުކަމުގައި ބިނާކުރާނަން. މި މަރުކަޒުގައި ބިނާކުރާ އިސްލާމީ މީޑިއާ ސެންޓަރަކީ މުޅި ދުނިޔެއަށް މަޤްބޫލު އިސްލާމީ މަޢުލޫމާތު ޢާއްމުކުރާ ތަނަކަށް ވެގެންދާނެ. ” ލަތީފު ވިދާޅުވިއެވެ.

އިސްރާއާއި މިޢުރާޖުގެ ޖިކްރާ އާކުރުމުގެ ގޮތުން ރޭ ލަތީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިއަށް މިއޮތް ލާމަރުކަޒީ އިންތިޚާބުގައި ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީބޮޑު އަދި ރާއްޖޭގައި ދީނީ ޢިލްމުވެރީން އެންމެ ގިނަ އައްޑޫސިޓީގެ މޭޔަރުކަމުގެ މަޤާމު އޭނާއަށް ކާމިޔާބުވެއްޖެނަމަ، ކީރިތިﷲގެ ޙަޟްރަތުން ވާގިއެދިހުރެ އައްޑޫސިޓީގައި އިސްލާމްދީން ކުރިއަރުވައި އިސްލާމީ ޝިޢާރު މަތިވެރިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ.

މިގޮތުން، އައްޑޫސިޓީގެ މިސްކިތްތަކުގެ ފެންވަރު މަތިކުރުމާ، ސިޓީ ކައުންސިލުން އިސްނަގައިގެން ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދައިގެން އައްޑޫސިޓީގެ ހުރިހާ މިސްކިތް އެއާކޮންޑިޝަންކުރުމުގެ މަސައްކަތް ﷲ ގެ އިރާދަފުޅާއެކު ފުރިހަމަކުރައްވާނެކަމަށާއި އޭގެއިތުރުން މިސްކިތްތަކަކީ ހަމައެކަނި ނަމާދުކުރުމަށް ބޭނުން ހިފާ ތަންތަނަށްވުމުގެ ބަދަލުގައި މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމާއި، ދީނީ ނަސޭޙަތް ދިނުމާއި، އައްޑޫސިޓީގެ ކޮންމެ މިސްކިތެއްގައި އިސްލާމީ މަޢުލޫމާތު ހިމެނޭ ފޮތްތަކުގެ ކުޑަ ލައިބްރަރީއެއް ، މޭޔަރުކަމުގެ ފުރަތަމަ 2 އަހަރުތެރޭ ޤާއިމުކޮށް ނިންމަވާނެކަމަށް އޭނާ ވަޢުދުވެ ވަޑައިގެންނެވިއެވެ.

ރީތިކޮށް ޤުރުއާން ކިޔެވުމާ ނަމާދުކުރުމާ އިސްލާމީ ފިޤްހަށް ދަރިވަރުން އަހުލުވެރިކުރުމަށްޓަކައި އައްޑޫސިޓީގެ ކޮންމެ އިދާރީ ސަރަޙައްދެއްގައި ޤުރުއާންކިޔަވަން ދަސްކޮށްދީ ދީނުގެ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުވާނެ ކުރު ކޯސްތައް ހިލޭ ހިންގާނެ މަރުކަޒެއް ޤާއިމުކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވަމުން ޤުރުއާން ކިޔެވުމާއި، އިސްލާމީ ހޭލުންތެރިރިކަމުގެ ފޮތްތައް ލިޔުމާ މީޑިއާ އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތްތައް މުޅި ރާއްޖެއަށް ހުޅުވާލައިގެން އައްޑޫ ސިޓީގައި ކޮންމެ އަހަރަކު ބާއްވަން ފަށާނެކަމުގައިވެސް ލަތީފު ވިދާޅުވިއެވެ.

އައްޑޫސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޝިޢާރު ފާޅުކުރުން އިތުރު ކުރުމަށް ލަތީފު ގެ ބަޔާނުގައި ގިނަ ކަންތައް ތަކެއް ހިމަނުއްވާފައިވާއިރު އޭގެ ތެރެއިން އައްޑޫސިޓީގައި ހުރި އިސްލާމީ އާޘާރީ ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށާއި އައްޑޫސިޓީގައި ވަޤްފު ބިނާތައް ކޮށް އެ ބިނާތަކުގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ވެސް ވަޢުދުވެ ވަޑައިގެންނެވިއެވެ، ޒަކާތް ނެރުމުގެ ސަމާލުކަން މުޅި ސިޓީގައި އިތުރުކުރުމަށާ، ޞަދަޤާތްކުރުން ގިނަކުރުމަށާއި، ނިކަމެތީންނަށް އެހީތެރިވެ އަޅައިލުމުގެ ރޫޙު މުޅި ސިޓީގައި އަށަގެންނެވުމުގެ އިތުރަށް ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާއެކު ފަޤީރުންނާއި މުޖްތަމަޢުގެ އެހީތެރިކަމަށް ބޭނުން މީހުންނާއި ޢާއިލާތަކުގެ ޢަދަދު ރާއްޖޭގައި އިތުރުވެފައިވާ މިވަގުތު އައްޑޫސިޓީގެ މޭޔަރުކަމުގެ މަޤާމުގެ އެންމެ ފުރަތަމަ ދުވަހު އައްޑޫސިޓީގައި ތިބި ފަޤީރުންނާ، މުޖްތަމަޢުގެ އެހީތެރިކަމަށް ބޭނުންވާ ޢާއިލާތަކުގެ ޞައްޙަ ލިސްޓު އެކުލަވައިލުމުގެ މަސައްކަތެއް ފަށްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި ވީ އެންމެ އަވަހަކަށް މި ލިސްޓު އެކުލަވާލައި، އެކި ބޭނުންތަކާ މުހުތާދުތައް ޖެހިފައިވާ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚާއްޞަ މަޝްރޫޢެއް ހިންގަވައި މުޅި އައްޑޫސިޓީއިން ފަގީރުކަން ނައްތާލައި ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ނަމޫނާ ސިޓީއަކަށް އައްޑޫސިޓީ ހެދުމުގެ އަމާޒު ޙާޞިލްކުރުމަށް 5 އަހަރުގެ ދައުރުގައި މަސައްކަތްކުރައްވާނެ ކަމަށް ލަތީފު ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމީ ތަޢުލީމާ ޢަރަބިބަސް އުނގަންނައިދޭ މަދަރުސާތައް އައްޑޫސިޓީގައި އިތުރުކޮށް، އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތުގައި ޒަމާނުއްސުރެ އައްޑޫ ސިޓީއަށް އޮތް ރީތިނަމާއި އައްޑޫސިޓީގެ ޢިލްމުވެރީން މުޅި ރާއްޖެއަށް ފޯރުކޮށްދެއްވި ޢިލްމީ ޚިދުމަތް އެގޮތުގައި ދެމެހެއްޓުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ވަޢުދުވެ ވަޑައިގެންނެވިއެވެ.