English Edition
Dhivehi Edition
ޕީޕީއެމްގެ ޓިކެޓްގައި އައްޑޫސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޙައްމަދު ލަތީފު/ފޮޓޯ ދިޔަރެސް

އިސްރާއާއި މިޢުރާޖްގެ މަތިވެރި ޝަރަފް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ދެއްވެވި މި މަތިވެރި ރޭފަދަ ކޮންމެ މުނާސަބާއެއްގައި ދިވެހި ފަސްގަނޑުގައި އިސްލާމްދީނަށް ދެވިފައި މިވާ ޖާގައަށް ކުޑަ ނަމަވެސް ލޮޅުމެއް އަންނާނޭ ކަމެއް ވިޔަ ނުދިނުމަށް ޢަޒުމް އާކުރަން ޖެހޭ ކަމަށް އައްޑޫސިޓީގެ މޭޔަރ ކަމަށް ކުރިމަތި ލައްވާފައިވާ މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިސްރާއާއި މިޢުރާޖުގެ ޙާދިސާގެ ހަނދާން އާކުރައްވައި ލަތީފް ނެރުއްވި ބަޔާނުގައި ރަޖަބް މަހުގެ 27 އަކީ އިސްރާއާއި މިޢުރާޖްގެ މަތިވެރި ޝަރަފް މި އުއްމަތަށް ދެއްވުނު ތާރީޚީ އަދި ބަރަކާތްތެރި ޛިކުރާ އިސްލާމީ އުއްމަތުގައި ފާހަގަ ކުރާ ދުވަހަށްވެފައި މިދުވަހާއި ދިމާކޮށް މުޅި ދިވެހި އުންމަތަށް ހެޔޮގޮތްތައް ކީރިތިﷲ މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

އިސްރާއާއި މިޢުރާޖުގެ މަތިވެރި ޝަރަފަކީ، ޒަމާންތަކަށް ދެމިހުންނާނޭ ބޮޑު މުޢުޖިޒާތަކަށް ވީހިނދު، އަދި އިސްލާމީ އުންމަތުގެ އެންމެ މުހިންމު އަޅުކަން ކަމުގައިވާ ނަމާދު ފަރުޟުކުރެއްވުނީ މި ބަރަކާތްތެރި ރޭގައި ކަމަށް ވުމުން، މިއީ އިސްލާމްދީން މަތީ ސާބިތުވެ ތިބުމަށާއި، ބަރާބަރަށް ނަމާދުކުރުމަށް ޢަޒުމު ކަނޑައަޅަންވީ ވަގުތު ކަމަށް ލަތީފް ވިދާޅުވެފައިވެއެވެ.

ދިވެހި އުއްމަތުގެ އެންމެ ބޮޑު ހެވާއި ނަސީބަކީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގެ ގޮތުގައި 800 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހިން ތިބުންކަން ފާހަގަ ކުރައްވަމުން ލަތީފް ވިދާޅުވީ އިސްރާއާއި މިޢުރާޖްގެ ހަނދާން އާކުރެވޭ މިފަދަ ކޮންމެ މުނާސަބާއެއްގައި ވެސް ޒަމާނުގެ ގޮންޖެހުންތަކުގެ ކުރިމަތީ ފައިތިލަ ސާބިތުކޮށް ދިވެހި ފަސްގަނޑުގައި އިސްލާމްދީނަށް ދެވިފައި މިވާ ޖާގައަށް ކުޑަ ނަމަވެސް ލޮޅުމެއް އަންނާނޭ ކަމެއް ވިޔަ ނުދިނުމަށް ޢަޒުމް އާކުރަން ޖެހޭ ކަމަށެވެ.

އަދި ރާއްޖޭގެ ވަކިވަކި ރަށްތަކާ އަތޮޅުތަކާ ސިޓީތަކާ ސަރަޙައްދުތަކުގެ ފެންވަރުގައިވެސް އިސްލާމްދީން ކުރިއަރުވައި އިސްލާމީ އުޞޫލުތައް ހިފެހެއްޓުމުގެ ސިޔާސަތުތައް އެކަށައަޅަން ޖެހިފައިވާ ކަން ފާހަގަކުރައްވަމުން ލަތީފްވަނީ ކުރިއަށް މިއޮތް ލާމަރުކަޒީ އިންތިޚާބުގައި ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީބޮޑު އަދި ރާއްޖޭގައި ދީނީ ޢިލްމުވެރީން އެންމެ ގިނަ އައްޑޫސިޓީގެ މޭޔަރުކަމުގެ މަޤާމު އޭނާއަށް ކާމިޔާބުވެއްޖެނަމަ، ކީރިތިﷲގެ ޙަޟްރަތުން ވާގިއެދިހުރެ އައްޑޫސިޓީގައި އިސްލާމްދީން ކުރިއަރުވައި އިސްލާމީ ޝިޢާރު މަތިވެރިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.