ގދ. ތިނަދޫގެ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ މެމްބަރުން އިންތިޚާބުވެއްޖެއެވެ.
ތިނަދޫގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމުން ގޮނޑި ކަށަވަރުވެފައި ވަނީ އަހުމަދު ވަހީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރަށެވެ. ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް މި ފަހަރު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން އެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެ ޕާޓީން ވާދަކުރި ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ހޮވާފައެވެ.
މީގެ ކުރިން ބޭއްވި ދެ ކައުންސިލް އިންތިހާބު ވެސް ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އަށް ޕީޕީއެމުން ވާދަކުރީ މުހައްމަދު ނަސީމެވެ. ނަމަވެސް ވަގުތީ ނަތީޖާ ދަައްކާ ގޮތުން އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު ސައުދު އަލީ އެވެ.
މި ފަހަރުގެ އިންތިހާބުގައި ގދ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގެ ކައުންސިލް ރައީސް ގެ މަގާމު ހޯއްދެވީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. އެއާއެކު މާލޭގެ މޭޔަރުކަމުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް ނެގީ ޕީޕީއެމެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގައި ދަމަހައްޓަމުން އައި ފުރިހަމަ ބާރުވެރިކަން ވެސް މިހާރު ވަނީ ހަނިވެ، ސާފު އަޣުލަބިއްޔަތު ގެއްލިފަ އެވެ.