English Edition
Dhivehi Edition

ބޮލީވުޑްގެ ކުރީގެ ބަތަލާ އުރުމިލާ މާތޯޑްކަރު ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔައީ 1995 ވަނަ އަހަރު ކުޅުނު ފިލްމު ‘ރަންގީލާ’ އިންނެވެ.

ބޮލީވުޑުގެ ފިލްމުތަކުން މޮޅު ހުނަރެއް ދައްކާފައިވާ އުރުމިލާ ފިލްމީ މަސައްކަތްތައް ހުއްޓާލުމަށް ފަހު 2019 ވަނަ އަހަރު ސިޔާސީ ދާއިރާއާއި ގުޅުން ވެގެން ދިޔައީ އޭނާގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތާމައެކެވެ. އެހެންނަމަވެސް އިންޑިއާގެ ނޭޝަނަލް ކޮންގްރެސް ޕާޓީ އާއި ގުޅުނު އުރުމިލާ ވަނީ ހަމަ އެ އަހަރު އެ ޕާޓީ އިން ވަކިވެފައެވެ. އުމުރުން 47 އަހަރުގެ އުރުމިލާ އެ ޕާޓީން ވަކިވުމަށް ފަހު މިހާރު ފެންނަމުންދަނީ ޝިވް ސޭނާ ޕާޓީގައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އުރުމިލާގެ އެއްވެސް ހަބަރެއް ނުވެ ހުރުމަށްފަހު 2020 ވަނަ އަހަރު އޭނާ ވަނީ ވެބް ސީރީޒްއެއް އުފައްދަން ނިންމާފައެވެ. އެހެންނަމަވެސް ކޮވިޑް19ގެ ސަބަބުން އެ ސީރީޒީގެ މަސައްކަތް ހުއްޓިފައިވާއިރު، އުރުމިލާ މިވަނީ އަދިވެސް އޭނާ ބޮލީވުޑްގެ ފިލްމަކުން ފެނިދާނެކަމުގެ އުފާވެރި ހަބަރު ސަޕޯޓަރުންނަށް ދީފައެވެ.

1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަނިކަން ކުރި އުރުމިލާގެ ނެށުންތަކަކީ ގިނަ ބަޔަކު އަދިވެސް ތައުރީފުކުރަމުން މޮޅު ނެށުންތަކެކެވެ. އުރުމިލާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، “ރަންގީލާ” ގެ އިތުރުން “ބޫތު”، “އެކް ހަސީނާ ތީ”، އަދި “ޕިޔާރް ތޫނޭ ކިޔާ ކިޔާ” ފަދަ ފިލްމުތައް ހިމެނެ އެވެ. 2016 ވަނަ އަހަރު އުރުމިލާ ވަނީ މޮޑެލް އަދި އެކްޓަރު މޮހްސިން އަޚްތަރު މުނީރްއާ ކައިވެނި ކޮށްފަ އެވެ.