ޝާހީ އާއިލާއާ އެކު އުޅުއްވި ދޮޅު އަހަރެއްހާ ދުވަހަކީ ވަރަށް ހިތި ދުވަސްތަކެއްކަމަށް ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކްލް ވިދާޅުވެއްޖެއެވެ.
މޭގަން އާއި ޕްރިންސް ހެރީ ޝާހީ ޢާއިލާއިން ވަކިވާން ނިންމެވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ޢާއްމުންވަނީ އެކަމާއި ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޝާހީ އާއިލާއާއި ވަކިވި ފަހުން ހެރީގެ ދެކަނބަލުން އޯޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއުއެއްގައި މި ވަނީ ޝާހީ އާއިލާ އާއި ގުޅޭ އަދިރި ހަގީގަތްތަކުގެ ވާހަކަ ހާމަކޮށް އެ ދެކަނބަލުން ޝާހީ ޢާއިލާއިން ވަކިވާން ނިންމި ހަގީގީ ސަބަބުތައް ވަަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކޮށްފައެވެ.
މި ގޮތުން އެމެރިކާ އަށް އުފަން މޭގަން ވިދާޅުވީ ޝާހީ އާއިލާގެ ތެރެއިން ރުހުން ނުލިބުމުގެ އިތުރުން އޭނާ އާއި މެދު ތަފާތުކުރުންތައްވެސް ގެންގުޅެފައިވާކަމަށެވެ. އިތުރަށް މޭގަން ވިދާޅުވީ އޭނާ އަކީ ޝާހީ އާއިލާގެ ތެރެއިން ބުލީގެ ޝިކާރަކަށްވެފައިވާ މީހެއްކަމަށާއި މޭގަންގެ މަންމައަކީ ކަޅު ނަސްލުގެ މީހަކަށްވާ އިރު ހެރީއާއި މޭގަންގެ ދޮށީ ދަރިފުޅު އާރޗީ ހެރިސަން މައުންޓްބެޓްންގެ ހަމުގެ ކުލައާއި ގުޅުވައިގެންވެސް ތާފުތުކުރުންތައް ގެންގުޅެފައިވާކަމަށެވެ. ދަރިފުޅުގެ އުފަންވުމުގެ ކުރިން އަދި ޖިންސު ވެސް އެނގުމުގެ މާ ކުރިން އާއިލާ އިން ވަނީ ދަރިފުޅަށް ޕްރިންސް ނޫނީ ޕްރިންސެސްގެ ދަރަޖަ ވެސް ނުދޭން ނިންމާފައިކަމަށް މޭގަން ވިދާޅުވިއެވެ. އަދި ދަރިފުޅަށް ބަލިވެ އިން ދުވަސްވަރު ވެސް ދަރިފުޅަށް އަމާޒުކޮށް ހިތްދަތި އެތައް ވާހަކަތަކެއް އަޑު އިވުނުކަމަށް މޭގަން ވިދާޅުވިއެވެ،
ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ވެސް މޭގަން އާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ ބައެއް ހާލަތްތަކުގައި ރާނީ އެލިޒަބަތު އޭނާއަށް ވަރަށް ހެޔޮފުޅުކަމަށެވެ.
އަމިއްލަ މިނިވަންކަމާ އެކު ވާހަކައެއް ވެސް ދެއްކުމުގެ ބާރެއް ނެތް، އެހާ ނިކަމެތި ހާލެއްގައި އުޅެން ޖެހުމުން ހެރީ އާއި މޭގަން އަށްވެސް ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވިކަން ފާހަގަކޮށް މޭގަން ވިދާޅުވީ މި ކަންކަމުގެ ސަބަބުން ތަހައްމަލުކުރަން އުނދަގޫ ނަފުސާނީ އެތައް ކަމަކާ ކުރިމަތިވިކަމަށެވެ. އަދި އަމިއްލަ އަށް ފުރާނަ ދުއްވައިލުމުގެ ވިސްނުންތަކެއް ވެސް އައިކަމަށާއި އެކަމަކު އެކަމަށް ހިތްވަރު ހޯދީ ގާތް މީހުންގެ ފަރާތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް މޭގަން ވިދާޅުވީ ހަގީގަތުގައި ޝާހީ އާއިލާގެ މެމްބަރުންނަށް ލިބޭ ރައްކާތެރި ކަމެއް އޭނާ އަށް އެއްވެސް އިރެއްގައި ލިބިފައި ނުވާކަމަށެވެ.
މި އިންޓަވިއުގައި ހެރީ ވިދާޅުވީ އާއިލާގެ ތެރޭގައި މޭގަން އާއި ދޭތެރޭ ފެށުނީއްސުރެ ކަންތައްކުރަމުން އައީ ވަރަށް ގޯސްކޮށްކަމަށެވެ، އަދި ހެރީގެ މަންމާފުޅު، ޕްރިންސެސް ޑަޔާނާ ހޯއްދެވި ފަދަ މަގުބޫލުކަމާއި ލޯބި މޭގަން އަށް ލިބިދާނެތިީ އެކަމާ ހަސަދަލައިގެން އުޅުނު ބަޔަކު ވެސް އާއިލާގެ ތެރޭގައި އުޅުއްވިކަމަށް ހެރީ ވަނީ ވިދާޅުވެފައެވެ.
މި އިންޓަވިއުއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޝާހީ އާއިލާއަށް އަމާޒުވެފައިވާއިރު ގިނަ ބަޔަކުވަނީ ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާ އަށްވެސް ޝާހީ އާއިލާގެ ތެރެއިން މިފަދަ ގިނަ ކަންތައްތަކެއް ކުރިމަތިވިކަމަށް ބުނެފައެވެ.
2018 ވަނަ އަހަރު ކައިވެނި ބައްލަވައިގަތް ހެރީ އާއި މޭގަން މިދިޔަ އަހަރުގެ ކުރީކޮޅު ޝާހީ ޒިންމާތައް ދޫކޮށްލައްވައި ދެކަނބަލުން އެމެރިކާގެ ލޮސް އެންޖެލިސް އަށް ވަނީ ބަދަލުވެފައެވެ. ހެރީ އާއި މޭގަން އަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން ހާމަކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަސްތެރޭގައެވެ.