English Edition
Dhivehi Edition
ޕްރިންސް ހެރީއާއި ޖޭމްސް ކޯޑަން

އިނގިރޭސި ޝާހީ ޢާއިލާއަށް ނިސްބަތްވާ ޕްރިންސް ހެރީ “ދަ ލޭޓް ލޭޓް ” ޝޯވ އަށް ދެއްވި އިންޓަވިއުއެއްގައި އަމިއްލަ ފުޅު ޙަޔާތާއި ގުޅޭ ގިނަ ވާހަކަތަކެއް ޙިއްސާކުރައްވައިފިއެވެ. ކޮވިޑް 19 ގެ މިޙާލަތުގައި ގައިދުރުކަމަށް ވެސް އިސްކަން ދީ، ތާޒާ ވައި ލިބޭ ފަދަ ގޮތަކަށް ތިއްބަވައިގެން ބޭއްވި މި އިންޓަވިއު ކުރިއަށް ދިޔައީ ޑަބްލް ޑެކަރ ބަހެއްގެ މަތީގައި ޕްރިންސް ހެރީއާއި ޖޭމްސް ކޯޑަން ތިބެ ލޮސްއެންޖަލްސްގެ މަގުތަކުގައި ކުރެއްވި ދަތުރެއްގެ ތެރެއިންނެވެ.

ދާދިއަވަހަށް ޕްރިންސް ހެރީއާއި މެގަން މާކަލްގެ އިންޓަވިއު އެއް އޮޕްރާ ވިންފްރާ ވެސް ގެނެސްދޭން ނިންމާފައިވާއިރު ކޯޑަން އާއިއެކު ކުރި އިންޓަވިއު ވެގެންދާނީ އޮޕްރާގެ އިންޓަވިއު އާއި މުޅިން ތަފާތުގޮތަކަށް ވަރަށް ނުރަސްމީ ކޮށް ތިބެ އެކުވެރި މަޖާ މާޙައުލެއްގައި ދިން އިންޓަވިއު އަކަށެވެ.

ހެރީއާއެކު ކޯޑަން ގެންގުޅުނު ސަކަ މިޒާޖާއެކުވެސް ހެރީގެ ހިތުގައިވާ ޝުޢޫރުތައް ފާޅު ކުރުމުގައި ހުރަހަކަށް ނުވިއެވެ. މަންމާފުޅުވެސް މިދުނިޔެ ދޫކުރެއްވުމުގެ އަސްލަކަށް ވި ނޫސް ވެރިންނާއި ޔޫކޭގެ މީޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ހެރީ ލޭބަލް ކުރެއްވީ އެއީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ނައްތާލާ ވިހަގަދަ ބައެއްގެ ގޮތުގައެވެ.

ޕްރިންސް ހެރީއާއި މެގަން މާކަލް ޝާހީ ޢާއިލާގެ މެންބަރެއްގެ ގޮތުގައި އަދާކުރަމުން އައި މަސްއޫލިއްޔަތުތަކާއި ޒިއްމާތަކުން އެކަހެރިވެ ވަޑައިގެންނެވި ވަޑައިގެންނެވުމަށް އަލިއަޅުއްވަމުން ހެރީ ވިދާޅުވީ އެއީ އެއްގޮތަކަށްވެސް ޢާއިލާއާއި ވަކިވެ ވަޑައިގެންނެވީ ނޫން ކަމަށާއި ޢާއިލާއާއެކު ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަބަދުވެސް ދެކަނބަލުންގެ ހުރިހާ މަސައްކަތެއް ގުޅިލާމެހިފައިވަނީ ރައްޔިތުންގެ ޙައްގުގައި ކަމަށާއި ހުރިހާ އެންމެންނަށް ވެސް އުފާވެރި ކަން ހޯއްދަވައި ދެއްވުމުގައި ދެކަނބަލުން އަބަދުވެސް ދެމި ތިއްބަވާނެ ކަމަށް ހެރީ ވިދާޅުވިއެވެ.

މަޖާ އެތައް ކަމަކާއެކު ކުރިއަށް ދިޔަ އެ ދަތުރުގެ ތެރެއިން ހެރީ ވިދާޅުވީ ނިމިދިޔަ ކްރިސްމަސްގައި ދަރިކަލުން އާރޗީ އެދިވަޑައިގެންނެވި ވެފްލްމޭކަރ މާމަ ރާނީ ފޮނުއްވި ކަމަށެވެ. ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާގައި ސިއްޙަތަށް ފައިދާހުރި ކޮންމެވެސް އެއް ރެސިޕީއަކަށް ވެފްލް ތައްޔާރުކޮށްގެން ފަރިއްކުޅުއްވާކަމަށް ހެރީ ވިދާޅުވިއެވެ.

ޕްރިންސެސް ޑަޔަނާއާއި ޕްރިންސް ޗާލްސްގެ ދިރިއުޅުއްވުން ގެނެސްފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން އެތައް ބައެއްގެ ފާޑު ކިއުން އެސީރީޒް އަކަށް އަމާޒުވި ނެޓްފްލިކްސް ގެ ދަ ކްރައުން އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހެރީ ވިދާޅުވީ އޭގެން ދައްކައިދިނީ ރޯޔަލް މެންބަރުންގެ ބިޒީ ޝެޑިއުލްއާއި އެކަން ހިނގާގޮތުގެ ޙަގީގީ މަންޒަރު ކަމަށާއި އެމީހުންގެ ދިރިއުޅުން ބައްޓަން ވެފައިވާ ގޮތް ޢާއްމުންނަށް ތިލަކޮށްދެވިފައިވުމުން އެސީރީސް އެހާބޮޑު މައްސަލައަކަށް ނުވާކަމަށެވެ.

ހެރީގެ މަންމާފުޅުގެ ވާހަކަ ގެނެސްދީފައިވާ ގޮތުގައި ކޮންމެވެސް ވަރެއްގެ އަޅައިގަތުމެއް ހުރިކަމުގައިވިޔަސް އެއީ އެތައް ބައެއް އުނި އިތުރު ކޮށްގެން ކުޅެފައިވާ އެއްޗަކަށް ވުމުން އެއީ ވެސް މައްސަލައެއް ނޫން ކަމަށާއި އެއަށްވުރެ އޭނާގެ ކަންބޮޑުވުން އޮތީ އަމިއްލަ ދިރިއުޅުއްވުމުގެ ކަންތައްތަކުގައި މީޑިއާއިން ކުޅޭ ރޯލުގެ އުނދަގޫ ބޮޑު ވުމުން ކަމަށް ހެރީ ވިދާޅުވިއެވެ.

ހެރީއާއި މެގަންގެ ދެކަނބަލުންގެ ދަރިފުޅު އާޗީއަށް ބޭބެ ކިޔާނެ އިތުރުކުއްޖަކު ލިބެން އުޅޭކަން ފެބްރުއަރީ 14 ވަނަ ދުވަހު ހެރީވަނީ އިޢުލާން ކޮށްފައެވެ. މި ދެކަނބަލުން މިހާރު ދިރިއުޅުއްވަމުން އަންނަނީ އެމެރިކާގެ ލޮސްއެންޖެލްސް ގައެވެ.