ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށްފިއެވެ.
ކުރިއަށް އޮތް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލާފައިވާ މެމްބަރުންގެ އިތުރުން އެމްޑީޕީގެ އައްޑޫ ލީޑަރޝިޕްގެ މެންބަރުންނާއި އެކު ކައުންސިލުން ބޭއްވި މި ބައްދަލުވުން އޮތީ އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައެވެ.
އެމްޑީޕީގެ އެދުމަށް، އައްޑޫ ސިޓީ ކައުންސިލުން ބޭއްވި މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) ވަނީ އައްޑޫގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތަނުގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ކެންޑިޑޭޓުންނާއި ހިއްސާކުރައްވާފައެވެ.
ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އައްޑޫ ސިޓީގެ އަވަށްތަކުގައި ކެންޑިޑޭޓުންގެ ކެމްޕެއިން ވަރަށް ފޯރިއާއި އެކު ކުރިއަށްދާއިރު އިލެކްޝަން ކޮމިޝަނުން އަންނަނީ ކުރިއަށް އޮތް އެޕްރީލް މަހު އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ދައުލަތުން ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެޗްޕީއޭގެގައިޑުލައިނާއި އެއްގޮތަށް އިންތިހާބު ބާއްވަން އިތުރު 42 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އީސީ އިންވަނީ ބުނެފައެވެ.