English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ނޫނީ ކޮމިޓީ ބައްދަލުވުންތަކަށް މަޖިލީހުގެ މެންބަރުން ވަޑައިނުގެން، ބޭނުން ވަރަކަށް ސަލާން ނުބުނެވޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހުކުރަން ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 246 ވަނަ މާއްދާގެ (ހ)އަށް އިސްލާހް ގެނައުމަށް ހުށަހެޅުއްވި، އެ އިސްލާހްގައި ވަނީ ކޮންމެ މެންބަރަކަށްވެސް އަހަރަކު ބުނެވޭނީ މެޑިކަލް ސެޓްފިކެޓް ހުށަނާޅާ ބުނާ ސަލާމާއި މެޑިކަލް ސެޓްފިކެޓް ހުށަހަޅައިގެން ބުނާ 15 ދުވަހުގެ ސަލާމް ހިމެނޭ ގޮތަށް ޖުމްލަ 30 ސަލާމް ކަމަށެވެ.

މީގެ އިތުރުން އެ އިސްލާހުގައިވަނީ ދިމާވި ސަބަބަކާއި ހުރެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމަށް މެންބަރަކަށް ހާޒިރުވެވެން ނެތް ނަމަ، އެކަން އެ ޖަލްސާއެއް ނުވަތަ އެ ބައްދަލުވުމެއް ނިމުމުގެ ކުރިން މަޖިލީހުގެ އަމީންއާމަށް އަންގަވަން ޖެހޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޮޑު މުސާރައެއް ނަންގަވައިގެން ޖަލްސާތަކަށް ވަޑައިނުގަންނަވާކަމުގެ ޝަކުވާތައް ބޮޑުވެފައިވާ މި ދަނޑިވަޅު މީކާއީލް ހުށަހެޅުއްވި މި ބިލަށް ގިނަ ބަޔަކުވަނީ ތާއިދުކޮށްފައެވެ.

މި އިސްލާހު ފާސްކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު މަ މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމްގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރ އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ޖަލްސާތަކަށް ހާޟުރުނުވާތީ ގިނަ ބަޔަކުވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.