ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް، ކްލިނިކެއް ހިންގަން ހުއްދަ ދިނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިނިސްޓަރު ފައްޔާޒު ނުފޫޒު ފޯރުވައިގެން ހުޅުމާލޭން ކުލިނިކެއް ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ދީފައިވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. “ފަޔާ އަޅުގަނޑު މިހުރީ ތިޔަ ކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައިވެސް ބުނިން.” ނަޝީދު ވިދާޅުވިއެވެ.
ހުޅުމާލޭގައި “ހެލްތު އެންޑް ވެލްނަސް ސެންޓަރު” ހިންގަން ހުއްދަ ދިން މައްސަލައިގައި އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު އާއި މިނިސްޓަރު ފައްޔާޒު ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު ފައްޔާޒް ވިދާޅުވީ ނުފޫޒު ފޯރުއްވެވޭ ކަންކަމާއި، ނުފޫޒު ނުފޯރުއްވެވޭފަދަ ކަންތައްތައް ހުންނާނެކަމަށާއި ނުފޫޒު ފޯރުވާނަމަ އެކަމަށް އެއްބަސްވާން ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ އެ ކަންތަކުގައި ނޫޅުއްވާކަން ކުރިން ވެސް ދަންނަވާފައިވާނެކަމަށާއި ނަމަވެސް ނުކުރައްވާކަމެއްގައި ވިދާޅުވެވޭނެ އެއްޗެއް ނެތް ކަމަށެވެ.
މީގެ ކުރިންވެސް ރައީސް ނަޝީދު އާއި ފައްޔާޒުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ބަހުގެ ހަމަލާތައް ދެއްވާފައިވާއިރު ރައީސް ނަޝީދު ވަނީ ފައްޔާޒު އުޅުއްވަނީ “ބްރޯ ހެދިގެން” ކަމަށް ވިދާޅުވެ ފައްޔާޒް މަގާމުން ދުރުކުރަން ވެސް މަސައްކަތް ކުރައްވާފައެވެ.