English Edition
Dhivehi Edition

އާންމު ތަނެއްގައި ހަޑި ހުތުރު ބަހުން މުހާތަބު ކުރެއްވި ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ކުރި ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި، އޭނާ އިންކާރު ކުރައްވައިފިއެވެ.

އަަބްދުއްރަހީމްއަށް ދައުވާ ކުރީ ނޮވެމްބަރު 28، 2019ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، އަޑުގަދަކުރާ ބޭނުންކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުންކުރެއްވުމުނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން އަބްދުއްރަހީމްގެ ވަކީލު އަދި ދަނބިދަރިފުޅު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ، ގާނޫނޫލްއުގޫބާތު ޑްރާފްޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެމެރިކާގެ ޕްރޮފެސަރު ޕޯލް ރޮބިންސަން ލިޔުއްވި ގާނޫނުލްއުގޫބާތުގެ ކޮމެންޓްރީގައި، ހަޑިހުތުރުބަސް ބޭނުން ކުރުން ފަދަ މައްސަލަތަކަކީ އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކެއް ކަމުން އެ މައްސަލަތަކުގައި ޝަކުވާ ހުށަހަޅާނީ އަމިއްލަ ފަރާތްތަކުން ކަމަށް ލިޔުއްވާފައިވާ ކަމަށެވެ. ނަމަވެސް، އަބްދުއްރަހީމްގެ މައްސަލަ ހުށަހެޅީ ޑީޖޭއޭއިންކަން އޭނާ ފާހަގަކުރި އެވެ.

މި ކަމަށް ދައުލަތުގެ ފަރާތުން ރައްދުގައި ވިދާޅުވީ އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ ބޭނުން ކެނޑިގެން ދާނެ ކަމަށާއި އަދި މިފަދަ ކަމެއްގައި ކަން ކުރެވޭނީ އުސޫލުން ބޭރުންތޯ ނުވަތަ ނޫންތޯ އަދި ގާނޫނު މަނާ ކުރުމުގައި ވެސް ބަލަން ޖެހޭނީ ގާނޫނުލް އުގޫބާތު އެކުލަވާލި އިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކައި އެ ޖަލްސާތަކުގައި މެންބަރުން ދައްކަވާފައިވާ ވާހަކަތަކާއި ކޮމިޓީތަކުގައި ދައްކަވާފައިވާ ވާހަކަތަކަށް ކަމަށެވެ.

ދައުލަތަށް ކުރަން ބޭނުންވި ސުވާލުތައް ކުރުމަށްފަހު އަބްދުއްރަހީމްގެ ފަރާތުން ބުނެފައި ވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި އަދުރޭގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ބައެއް ހުށަހެޅުންތައް އެބަ ހުރި ކަމަށާއި ލިޔުމުން ހުށަހަޅަންޖެހޭ އެއްޗެހިތައް ހުށަހެޅުމުގެ ފުރުސަތަށް އެދުމުން އެ ކަން އަންނަ އަންގާރަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ކުރުމަށް ގާޒީ އެންގެވިއެވެ.

މި ދައުވާއާއި ގުޅިގެން މީގެ ކުރިން ވެސް އަދުރޭ ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި އަދި އެއީ އެއްވެސް އަސްލެއްގެ މައްޗަށް ކުރާ ދައުވާއެއް ނޫން ކަމަށާއި އެއީ ދޮގު ތުހުމަތުތަކެއް ކޮށްގެން އުފުލާފައިވާ ދައުވާއެއް ކަމަށެވެ.