English Edition
Dhivehi Edition
ކްރިމިނަލް ކޯޓު ކައިރީގައި ބަޔަކު ހުއްޓިގެން

މާލޭގެ މިސްކިތަކަށް ވަދެ އެ ތަނުގެ މުދަލަށް ގެއްލުންދިން މައްސަލައިގައި ދައުވާ އުފުލި ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް އޭނާ ބަންދުން މިނިވަންވެއްޖެއެވެ.

މި މައްސަލައިގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކޯޓުން މިދިޔަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު އޭނާގެ މައްޗަށް އިއްވީ އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރުގެ ދަށުން އޭނާ ވަނީ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަޔާންކުރާ ގޮތުން ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ހުންނަ މުއްދަތު، އޭނާގެ މައްޗަށް އިއްވާ ހުކުމުގެ އަދަބުން އުނިކުރަން ޖެހެއެވެ. އެހެންކަމުން ނައުޝާދުގެ ބަންދު މުއްދަތު ކެނޑުމުން، އޭނާ ތަންފީޒުކުރަން ޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ނައުޝާދު މޫސާއަކީ މާލޭގެ މިސްކިތްތަކަށް ވަދެ ތަކެއްޗަށް ގެއްލުންދިނުމާއި، މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ އިތުރުން މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި ވެސް މީގެ ކުރިން އެތައް ފަހަރަކު ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ މީހެކެވެ.

ހުކުމުގައިވާ މުއްދަތަށްވުރެ ގިނަ ދުވަސް ބަންދުގައި އޭނާ ހޭދަކޮށްފައި ވާތީ، ކްރިމިނަލް ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރު ބާތިލުކޮށް އޭނާ ދޫކޮށްލާފައެވެ.