ރާއްޖެއިން ހޯދާފައިވާ މިނިވަންކަން މިހާރު ނެތް ކަމަށާ ރާއްޖޭގައި މިހާރު މިއޮތް ހާރިޖީ ސިޔާސަތާ މެދު ލަދުގަންނަން ޖެހޭކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުން ކުރިން ފެނުނު ބައެއް ބޭފުޅުން އިސްކޮށް ތިއްބަވައިގެން ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި އިސްލާހީ ހަރަކާތެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދުންޔާ ވަނީ ރާއްޖޭގައި މިހާރު އޮތް ހާރިޖީ ސިޔާސަތުތަަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މި ގޮތުން ދުންޔާ ވިދާޅުވީ 1965 ވަނަ އަހަރު ހޯދި މިނިވަންކަން ގެއްލި، ރާއްޖެ މިއަދު އަޅުވެތިވެފައިވާކަމަށާއި ރާއްޖެއަކީ ގައުމުތަކުން އެހީ ހޯދައިގެން އުޅޭ ގައުމަށް ހަދާފައިވާކަމަށެވެ. އިތުރަށް ދުންޔާ ވިދާޅުވީ އެތައް ހާސް އަހަރެއްގެ އަމިއްލަ މިނިވަން ގައުމެއްގެ ގޮތުގައި ފަހުރުވެރި ތާރީހެއް އޮތް ރާއްޖެ މިއަދު ޅުވެތިވެފައިވާކަމަށެވެ. އަދި 1965 ވަނަ އަހަރު ރާއްޖެ ހޯދި މިނިވަންކަމެއް މިހާރު މިގައުމުގައި ނެތްކަމަށާއި އެ އަހަރުގެ ޖުލައި 26ގައި ރާއްޖެ ކުރި މިނިވަންކަމުގެ މުއާހަދާގެ މަތިން މިއަދު ސަރުކާރުން ހަނދާންނެތިފައިވާކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.
އިތުރަށް ދުންޔާ ވިދާޅުވީ އެއްވެސް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބިގެން ނުވާނެ ކަމަށާއި މި ސަރަހައްދާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ގައުމުތަކުގެ މެދުގައި ހިނގަމުންދާ ވާދަވެރިކަމުގެ ތެރޭގައި ރާއްޖެ ތާށިވެގެން ނުވާނެކަމަށެވެ.
އެއްޗެއް ދޭ މީހާގެ އެދުމެއް އޮންނާނެކަން ވިސްނައި އެކަމަށް ސަމާލުވުމަށް އިލްތިމާޒްކުރަމުން ދުންޔާ ވިދާޅުވީ މިހާރު އޮތް ހާލަތު ބަދަލުވެ މުސްތައްގިލު މިނިވަން ފުދުއްތެރި ގައުމަކަށް ރާއްޖެ ބަދަލުވާތަން ދެކެން ބޭނުންވާކަމަށެވެ.