English Edition
Dhivehi Edition

އެމްއެންޕީގެ ސަރުކާރެއްގައި އެމްބަސީތަކަށް ބޭކާރުގޮތުގައި ރައްޔިތުުންގެ ފައިސާ ޚަރަދެއް ނުކުރާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެމެރިކާގައި ގާއިމްކުރި ރާއްޖޭގެ އެމްބަސީ ހުޅުވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ވަޑައިގަތުމުން އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ދުންޔާ ވިދާޅުވެފައިވަނީ ވޮޝިންޓަނުގަ 3 ވަނަ ފަހަރަށް ގާއިމުކުރި ދިވެހި އެމްބަސީ 1 އަހަރުކުރިން ހުޅުވައިފި ކަމަށެވެ. އަދި ބޮޑުޚަރަދުކޮށް ބޮޑުރަސްމިއްޔާތު މިހާރު ބޭއްވުމުގެ ބޭނުމެއް ނުފެންނަ ކަމަށެވެ.

މީގެ އިތުރުން އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ސަރުކާރެއްގައި ދިވެހި އެމްބަސީތަކަކީ ގައުމުގެ އިގުތިސޯދު ކުރިއަރުވައި އިންވެސްޓްމަންޓުތައް ގެނެސްދޭނެ ތަންތަނަށް ވާނެ ކަމަށެވެ.

ވޮޝިންޓަނުގަ 3ވަނަ ފަހަރަށް ގާއިމުކުރި ދިވެހި އެމްބަސީ ހުޅުވައިފި 1 އަހަރުކުރިން. ބޮޑުޚަރަދުކޮށް ބޮޑުރަސްމިއްޔާތު މިހާރު ބޭއްވުމުގެ ބޭނުމެއް ނުފެނޭ. @nazim7878 ގެ ސަރުކާރެއްގައި ދިވެހި އެމްބަސީތަކަކީ ގައުމުގެ އިގުތިސޯދު ކުރިއަރުވައި އިންވެސްޓްމަންޓުތައް ގެނެސްދޭނެ ތަންތަނަށް ވާނެ.” ދުންޔާގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މި ދަތުރުފުޅާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގައި ދިވެހި އެމްބަސީއެއް ހުޅުވަން ވޮޝިންޓަންއަށް ދެވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ 2020 ވަނަ އަހަރު އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ރާއްޖޭގެ އެމްބަސީއެއް 2007 ވަނަ އަހަރު ވެސް އެމެރިކާގައި ހުޅުވިއެވެ. އެކަމަކު އެ އެމްބަސީއަށް އޭރު ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމުން 2008 ވަނަ އަހަރު އެތަން ވަނީ ބަންދުކޮށްފައެވެ.

1 ކޮމެންޓް
ރަށިކޮއްޔާ
ޖޫން 18, 2023
މިހާރުއްސުރެން ފޮރިން މިނިސްޓަރ ކަމާ ހަވާލުވެގަތީތަ؟