ގއ. ވިލިނގިލި ކައިރީގައި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެ އެތަނުން އެކެއްގެ ޙާލު ސީރިއަސް ވުމާއި ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ވިލިނގިލި ކަނޑުރޯދި ނަމަކަށް ކިޔާ ދޯނި ނެރުން ނިކުންނަން އުޅެނިކޮށް ލޯންޗަކާއި ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވީ ލޯންޗުގައި ތިބި 2 މީހުންނަށާއި ދޯނީގައި ތިބި 2 މީހުންނަށް ކަމަށް ވިލިނގިލީގައި ހުރި އޭއޯ ނިއުސްގެ ރިޕޯޓަރ މައުލޫމާތު ދެއެވެ.
މިއެކްސިޑެންޓުގައި އެކެއްގެ ޙާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާ އަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އޭނާގެ ލޮލާއި ބޮލަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް މައުލޫމާތު ދެއްވައެވެ.
ހާލު ސީރިއަސް ވި މީހާގެ އިތުރުން 3 މީހަކަށް އެކިވަރުގެ އަނިޔާ ވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އަދި އެތަނުން އެކެއްގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާ އިތުރު ފަރުވާއަށް ގދ. ތިނަދުއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސީރިއަސް އަނިޔާ ލިބިފައިވަނީ ލޯންޗު ދުއްވަން ހުރި މީހާ އަށެވެ.