English Edition
Dhivehi Edition

ހުސް ވައުދުން އެކަނި އައްޑޫ ތަރައްޤީވާނަމަ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް މިހާރު އެކަން ކުރެވުނީސް ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ، އައްޑޫގެ ތަރައްޤީއާއި ގުޅޭ ގޮތުންއިދިކ މި ސަރުކާރުގެ އިސްވެރިންނާއި، އައްޑޫ މެމްބަރުން އަދި އައްޑޫ ކައުންސިލް މެމްބަރުން ގިނަ ވާހަކަތަކެއް ދައްކަމުންދާ ދަނޑިވަޅެއްގައި އެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މި ގޮތުން ޖަމީލު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ހުސް ވައުދުން އެކަނި އައްޑޫ ތަރައްޤީވާނަމަ އެމްޑީޕީއަށް މިހާރު އެކަން ކުރެވުނީސްކަމަށެވެ.”އައްޑޫ ރައްޔިތުންގެ ވިސްނުން އެހާ ކޮށި ކަމަށް ދެކެނީތޯ؟ އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކާށިދޫއިން ކޮޕީ ކޮށްފައިވާ އެއްޗެއްތޯ ނުވަތަ ފިލިޕިންސްއިންތޯ؟ދިވެހި އެއްވެސް ރައްޔިތަކު ތިހާ ނިކަމެތި ކޮށްލާކަށް ނުވާނެ. އިންތިޚާބު ބޯމަތިވުމުން ރަންގަނޑަކަށް، އިންތިޚާބު ނިމުނުހާ އަވަހަކަށް ހިލަގަނޑަކަށް. މި ފަލްސަފާ ރައްޔިތުންނަށް މިހާރު މާ ބޮޑަށްވެސް އެނގޭ!” ޖަމީލު ވިދާޅުވިއެވެ.

އައްޑޫގައި މިހާރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫގެ ފެން ހިންދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ،އަދި މި ރަށްތައް ހިމެނޭގޮތަށް 40 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅައި 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި އެޅުމެއް ވަނީ ނިންމާފައެވެ.

1 ކޮމެންޓް
hussain
ފެބުރުއަރީ 28, 2021
ތާރައަޅާ މަގު ހެދުމާއި ފެން ހިންދުމަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތަކަށް މުހިންމު ކަންތައްތަކެއް. ނަމަވެސް އެންމެ މުހިންމީ އަގަޔާއި އަތާ ދިމާވުން، އޮރިޔާން ނިވާވުން، ބޯހިޔާވަހިކަން، އިންސާފު، ރައްކާތެރިކަން، މިކަންތައްތަކަށް މަގު ފަހިވާނެ ޕްރޮޖެކްޓެއް އަދި އަޑެއްނީވޭ. އެންމެ ކުޑަވެގެން 12 މިލިއަން ޑޮލަރުގެ ޓަރމިނަލް އަޅާފައިވާ ނަމެއްގައި ބައިނަލް އަގްވާމީ އަމަލީ ގޮތުން ލޭންޑް ސްޓްރިޕް އޭގެ އަސްލަށް ރުޖޫއަވެވޭ ފަދަ ޕްރޮޖެކްޓަކާއި، ބަންދުކޮށްފައިވާ ފަސްތަރީގެ ރިޒޯރޓް ތަކާއި ދަމަކުން ބަޑިއެއްޖަހާހެން ހިގާ އެއްކަލަ އިންޓަރނޭޝަނަލް ޕޯރޓް، ސިއްހީފަރުވާ ދޭ ބޮޑު ހަސްފަތާލް، އިގިރޭސީން ހިންގިފަދަ ނަފީ ފަދަ ޑިޕާރޓްމަންޓް ސްޓޯރަކާ، ޔޮޓް މެރީނާ އަކާއި އިންޓަރނޭޝަނަލް ބަންކަރިން ޚިދްމަތްދޭ މަރުކަޒެއް ގެ ވާހަކަ އަޑު އިވޭނެ ކަމަށް އުންމީދު ކުރީމު. ނަމަވެސް އެ އުންމީދު ވީ ނާ އުންމީދަކަށް. ވޯޓު ބޯ މަތިވީމާ އައްޑޫ ރައްޔިތުން ވަރަށް ފާޅުކޮށް ފެންނާނެ. މިކަން ބަދަލު ކުރަން މިހާރު އުތުރަށާއި ހުވަދު އަށް ބަރޯސާ ވާން އެބަ ފައިނަގާ.