English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތްގެ ފިރިކަލުން ޕްރިންސް ފިލިޕް ގެ ޙާލުކޮޅު ގޯސްވެ އިންފެކްޝަން އުފެދިފައިވާ ކަމަށާއި ގިނަ ދުވަސްތަކަކަށް ހޮސްޕިޓަލުގައި އޮންނަވަން ޖެހިދާނެ ކަމަށް ބަކިންހަމް ޕެލަސްއިން ހާމަކޮށްފިއެވެ. ޕްރިންސް ފިލިޕްގެ އާލާސްކަންފުޅު ބޮޑުވެ އަންގާރަ ދުވަހުވަނީ ލަންޑަންގެ ކިންގް އެޑްވަޑް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

99 އަހަރުގެ ފިލިޕް ގެ ބަލިޙާލަތު ރަނގަޅު ވަމުން އަންނަ ކަމަށާއި އުފާވެރިކަމުގެ މެސެޖް ރައްޔިތުންނަށް ފޯރުކޮށްދެއްވަން އެދިވަޑައިގެންނެވި ކަމަށް ޕްރިންސް އެޑްވަޑް ވަނީ ވިދާޅުވެފައެވެ. ބައްޕާފުޅު އާލާސްކަން ފުޅާ އޮންނެވި ހޮސްޕިޓަލަށް ޕްރިންސް ޗާލްސްވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

94 އަހަރުގެ ރާނީއާއި ފިރިކަލުން ވަނީ ކޮވީޑް ވެކްސިން ޖައްސަވާފައެވެ. ޕްރިންސް ފިލިޕް އެޑްމިޓް ކުރީ ކޮވިޑް ޖެހިގެން ނޫން ކަމަށް ބަކިންހަމް ޕެލަސްއިން ވަނީ ބުނެފައެވެ. މި ދެ ކަނބަލުންގެ 73 ވަނަ ވެޑިން އެނިވާރސަރީ ފާހަގަ ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ.

2017 ވަނަ އަހަރުން ފެށިގެން ޕްރިންސް ފިލިޕްވަނީ ދައުލަތުގެ މަޤާމުން ރިޓަޔަރ ކުރައްވާފައެވެ. ޕްރިންސް ފިލިޕް ވަނީ މީގެ ކުރިން ވެސް ސިއްޙީ އެކި މައްސަލަތަކުގައި ފަރުވާ ހޯއްދަވާފައެވެ. އޭގެ ތެރޭގައި ކޮރޯނާ އާޓަރީގެ މައްސަލައާއި ބްލެޑަރ އިންފެކްޝަން ގެ އިތުރުން އެބްޑޯމަން ސަރޖަރީއެއް ހެއްދެވުން ހިމެނެއެވެ.