English Edition
Dhivehi Edition
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސްޖޯންސަން

ކޮވިޑް 19 އަށް ޕޮޒިޓިވް ވެ މިބަލީގައި 10 ދުވަސް ހޭދަ ކުރެއްވުމަށްފަހު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

މިދިޔަ މަހުގެތެރޭ ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާގުޅިގެން ޑައުނިން ސްޓްރީޓްގައި އެކަހެރިވެ ވަޑައިގެން އުޅުއްވަމުން ގެންދަވާ ބޯރިސްގެ ކިބައިން ގަދަހުމުގެ އަސަރު ނުފިލާތީ ޑޮކްޓަރުންވަނީ އިތުރު ޓެސްޓުތައް ހެދުމަށް ލަފާ ދެއްވާފައެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން ބޮޑުވަޒީރުވަނީ އާދީއްތަ ދުވަހުގެރޭ އިތުރު ޓެސްޓުތައް ހެދުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްވެ ވަޑައިގެންފައި.ޑައުނިން ސްޓްރީޓް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިރޭ ހަތަރުދަމު ޖޯޏްސަން ހުންނަވާނީ ހޮސްޕިޓަލުގައި ކަމަށް ބެލެވެއެވެ.

މިއީ ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހުނު ފިޔަވަޅެއް. ކޮވިޑް 19 އަށް ޕޮޒިޓިވް ވިތާ 10 ދުވަސް ވީ އިރުވެސް މިބަލީގެ އަސަރު ފިލައިނުގޮސް އެބަހުރި.

ސްޓްރީޓް އޮފީހުގެ ބަޔާން-

އެތައް ފުރާނައެއް ހަށިގަނޑާއި ވަކި ވުމުގެ އަސްލަކަށް މިއަދު ވެފައިވާ ކޮވިޑް 19 އަށް ޕޮޒިޓިވް ވިކަން ޤައުމުތަކުގެ ލީޑަރުންގެ ތެރެއިން އިޢުލާން ކުރި އަޑު އިވިގެން ދިޔަ ފުރަތަމަ ބޭފުޅަކަށް ޢުމުރުން 55 އަހަރުގެ ޖޯންސަން ވެފައިވެއެވެ.

މާރޗް 27 ގައި އޭނާ މިބައްޔަށް ޕޮޒިޓިވް ވެވަޑައިގެންފައިވާއިރު ބޮޑުވަޒީރުގެ ޑައުނިންގ ސްޓްރީޓް އޮފީހުން ބުނެފައިވަނީ މިއީ އެމަޖެންސީ އެޑްމިޓެއް ނޫން ކަމަށާއި އެހެންކަމުން ސަރުކާރު ހިނގުމުގައި އެމަނިކްފާން ދެމި ހުންނަވާނެ ކަމަށެވެ.

ހޯމަ ދުވަހު ބާއްވާ ކޮވިޑް 19 އާއި ގުޅޭ ޚާއްސަ މީޓިން ކުރިއަށް ގެންދަވާނީ ފޮރިން ސެކްރެޓަރީ ޑޮމިނިކްރާބް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޖޯންސަން ގެ އެޑްމިޝަނާއި ގުޅޭ މަޢުލޫމާތު ކުއީން އެލިޒަބަތަށް އަރުވާފައިވާކަމަށް ބަކިންހަމް ޕެލަސް އިން ވަނީ ބުނެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވަނީ އެމެރިކާގެ ހެޔޮދުޢާތައް ފޮނުވަމުން ޖޯންސަން އަކީ ” ވަރުގަދަ ޝަޚްސިއްޔަތެއް” ކަމަށް ސިފަ ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެމެރިކާގެ ހުރިހާ ރައްޔިތުންގެ ދުޢާވަނީ ޖޯނސަންއާއެކު . އެއީ ވަރުގަދަ ލީޑަރެއް. މިއަދު ހޮސްޕިޓަލުގައި ޖޯންސަން ވި ކަމުގައި ވިޔަސް ވަރަށް އަވަހަށް އެމަނިކްފާން ރަނގަޅުވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އެބައޮތް.

ޑޮނަލްޑް ޓްރަމްޕް

2016ގެ ބްރެގްޒިޓް ކެމްޕޭންގެ މޫނުމަތި ކަމަށް މީހުން ސިފަ ކުރާ ޖޯންސަން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމަށް ޑިސެމްބަރ ގައި އައުމަށްފަހު އޭގެ ދުވަސްކޮޅެއް ނުވަނީސް މިއަހަރުގެ ޖެނުއަރީ 31 ގައި ޔޫރަޕިއަން ޔޫނިއަނުން އެޤައުމުވަނީ ވަކިވެފައެވެ.

ބޮރިސްޖޯންސަން އަކީ އިނގިރޭސި ވިލާތުގެ ސިޔާސީ ލީޑަރެއްގެ އިތުރުން ލިއުންތެރިކަމާއި ނޫސްވެރިކަމުގެ ރޮނގުން ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. 2019 އިން ފެށިގެން އޭނާއަކީ ކޮންޒަވެޓިވް ޕާޓީގެ ލީޑަރުގެ އިތުރުން އެޤައުމުގެ ބޮޑުވަޒީރުވެސް މެއެވެ. އޭނާވަނީ 2016 އިން 2018 އަށް ފޮރިން ސެކްރެޓަރީއެއްގެ އިތުރުން ލަންޑަންގެ މޭޔަރ ކަން ވެސް ކުރައްވާފައެވެ.