English Edition
Dhivehi Edition

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މައި މަގު ހެދީ ސިމެންތިން ކަމަށާއި އޭރު އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ކޮން ބޭފުޅެއްކަން ބަލަންޖެހޭ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެއާޕޯޓް ހެދިއިރު ގަން އެއާޕޯޓްގެ މައި މަގު ހަލާކުވެގެން ހެދީ ސިމެންތިން ކަމަށާއި ރަންވޭ ވެސް ހަދާފައިވަނީ ކޮންކްރީޓުންކަމަށެވެ. “ސިމެންތިން ގަމުގެ މި މަގު ހެދިއިރު އެއާޕޯޓްގެ އެމްޑީއަކަށް ހުރި މީހަކު ބަލަންޖެހޭ. އެ މަގު އަދިވެސް އަޅުގަނޑު ހިތަށް ރަގަޅު ވާހަކަ މި ބުނީ” ސޯބެގެ ޓުވިޓްގައި ވިދާޅުވިއެވެ.

އިތުރަށް ސޯބެ ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުން އައްޑޫ ތަރައްޤީކުރާނެކަމަށެވެ. އަދި މި ޕްރޮޖެކްޓްތަކުގެ އެއްވެސް ޝަކުވާއެއް އޮތްނަމަ ކަންބޮޑުވުންތައް ހިއްސާކުރުމަށްވެސް ސޯބެވަނީ އެދިފައެވެ.

ސޯބެ މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ މަގުތަކުގެ ބޮޑު ބައެއްގައި ސިމެންތި އެޅައިގެން ހެދުމަށް، މި ސަރުކާރުން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، އެގޮތަށް އެކަން ނުކުރެއްވުމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމް އިން ވާދަކުރައްވާ މުޙައްމަދު ލަޠީފު،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްއަށް ސިޓީ އެއް ފޮނުއްވާފައި ވަނިކޮށެވެ.

ރައީސް ޞާލިޙަށް އެޑްރެސްކުރައްވާ ލަޠީފު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އައްޑޫގެ މަގުތަކުގައި ސިމެންތި އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އެއީ މި ޒަމާނުގެ ތަރައްޤީއާ ނުގުޅޭ ބޯދާ ވިސްނުމެއް ކަމުގައި އައްޑޫގެ ގިނަ ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ.

ސިމެންތި އަޅައިގެން މަގުތައް ތަރައްޤީކުރުމަކީ މިހާރު އެއްވެސް ބަޔަކު ކުރާ ކަމެއް ނޫން ކަމަށާއި، އެކަން ކުރުމުގެ ނަތީޖާ މާލެއިން ފެންނަން އެބައޮތް ކަމުގައި ލަޠީފު ފާހަގަކުރެއްވިއެވެ. އަދި އައްޑޫގެ %60 މަގުގައި ސިމެންތި އެޅުމަށް އިންޑިޔާއިން ނެގި ލޯނު ފަހުންވެގެންދާނި ބޭކާރު ބޮޑު ޚަރަދަކަށް ކަމުގައިވެސް ލަޠީފު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސިމެންތި އެޅި މަގުތަކުގައި ހިނގައިބިގައިވެ އުޅުމުށާއި ދުއްވަން ބޭނުންކުރަން ދަތިވެ، ސިމެންތި ކަނޑައި ނަގަންޖެހުމުން ރައްޔިތުންނަށް ކުރިމަތިވާ ދުއްތުރާވެސް ކުރިމަތިވެގެން އަންނާނީ އެކުއެކީގައި ކަމަށެވެ.