މިހާރު ސަރުކާރުން ކުރިއަށްގެންދާ ޕޮރެޖްކްޓްތައް ނުހުއްޓުވާ ކުރިއަށް ގެންދަވާނަމަ ވާހަކަ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން ލޮކްޑައުން އަށްފަހު އެ ޕްރޮޖެކްޓްތައް ފެށޭނެކަމަށް އައްޑޫ ސިޓީ މޭޔަރ، އަބްދުﷲ ޞާދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސޯބެ ވިދާޅުވީ މިހާރުވެސް އައްޑޫގައި މަގު ހެދުމުގެ 03 މަޝްރޫއެއް އެބައޮތް ކަމަށެވެ. މި ގޮތުން އެމްޓީސީސީއިން ހުޅުމީދޫ ބޮޑުމަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ އިރު އެ މަޝްރޫގެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.
“އެމްޓީސީސީއިން ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. މި ވިއްސާރައިގަވެސް ހުޅުދޫ މީދޫގެ ބޭފުޅުންނަށް ވަރަށް ފަސޭހަވެގެން ދިޔަ ބަހާއުއްދީން މަގުގެ މަސަައްކަތް ނިމުނީމަ.” ސޯބެ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގެ ފަރާތުން އިންޑީއާގެ ޖީކޭޑީ ކުންފުންޏާއި ހަވާލުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް ސޯބެ ވިދާޅުވިއެވެ.
“ޖީކޭޑީ ކުންފުނިން މޮބިލައިޒޭޝަން ފެއްޓިފައި އޮއްވާ ލޮކްޑައުން އަށް މި ދިޔައީ.އެ ޕްރޮޖެކްޓްގެ ބައެއް މެޝިނަރީޒް އާއި މަސައްކަތް ކުރާ ފަރާތްތައްވެސް ވަނީ އައިސްފައި”ސޯބެ ވިދާޅުވިއެވެ.
އިތުރަށް ސޯބެ ވިދާޅުވީ އެ ޕްރޮޖެކްޓްގެ ޓެކްނިކަލް މަސައްކަތްތައް ހިނގަމުން ދާކަމަށާއި ލޮކްޑައުންއަށް އައުމުގެ ކުރިން ކުރެވުނު މަސައްކަތްތަކުގެ އިތުރަށް އެހެން މަސައްކަތެއް އަދި ކުރެވިފައި ނުވާކަމަށެވެ.
“ފޭދޫ އާއި މަރަދޫފޭދޫ އާއި މަރަދޫގެ ކުރިން ހަދާފަ އޮތް ބޮޑު މަގުގެ މަސައްކަތުގެ އިތުރުން 07 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ވަަރަށް އަވަހަށް ފެށޭނެ”، ސޯބެ ވިދާޅުވިއެވެ.
ވިއްސާރަ މޫސުމް ފެށުނު އިރު ބައެއް ވެލި މަގުތައް ހަދާފައިވާކަން ފާހަގަކުރައްވަމުން ސޯބެ ވިދާޅުވީ މި ވިއްސާރަ ނިމުމުން އަނެއްކާވެސް ވެލިމަގުތައް އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.