އައްޑޫގައި, ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތްކަމަށް އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ލޮކްޑައުންކުރަން އުޅޭކަމަށް ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ‘އޭއޯ ނިއުސް’އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސޯބެ ވިދާޅުވީ މިހާތަނަށް އައްޑޫ އިން ޕޮޒިޓިވްވެފައިވާ މީހުންނަކީ ހޯމްކަރަންޓީންގައި ތިބި މީހުންކަމަށާއި އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތް ކަމަށެވެ. މީގެ އިތުރުން ސޯބެ ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އައްޑޫ ލޮކްޑައުންކުރަން އުޅޭކަން އެގިފައި ނުވާކަމަށެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނައިރު މިހާތަނަށް އައްޑޫއިން ވަނީ މި ބައްޔަށް ނުވަ މީހަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ތިން މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. އައްޑޫ އިން ބައްޔަށް ޕޮޒިޓިވްވި އެންމެނަކީވެސް ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.
އައްޑޫ އިން ކޮވިޑް19 ފެނުމާއި ގުޅިގެން މީގެ ކުރިން ދިން އިންޓަވިއުއެއްގައި އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުކޮވިޑް-19 އަށް ފަރުވާދިނުމަށް އަތޮޅުތަކުގެ ތެރޭގައި ގާއިމްކުރާ ފެސިލިޓީތަކުގެ ތެރެއިން އައްޑޫގައި ހަދާފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި މިހާރުވެސް ފަރުވާ ދިނުމަށްޓަކައި 09 އެނދު އެބަހުރިކަމަށާއި އައްޑޫއިން ޕޮޒިޓިވްވާ ނިސްބަތަށް ބަލައި އިތުރު ވަސީލަތްތައްވެސް ލިބިގެންދާނެކަމަށެވެ.
ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހުރި އިމާރާތް ތަރައްގީކޮށް ކޮވިޑް 19 އަށް ފަރުވާ ދޭ ޚާއްޞަ ފެސިލިޓީއެއްގެ ގޮތުގައި ހުޅުވާފައިވާއިރު އައްޑޫގައި ހުންނަ ފުލޫ ކުލިނިކް ވެސް ހުންނަނީ މި އިމާރާތުގައެވެ.