ޕީޕީއެމް އޮފީސް ބަންދުކޮށް ލީޑާޝިޕް ހައްޔަރު ކޮށްގެން ސަރުކާރުތެރޭ ހުރި މައްސަލަތައް ހައްލު ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ބޭއްވި މުޒާހަރާ އަށް އިޝާރާތް ކުރައްވައި ކެރެއްވި ޓުވީޓެއްގައި ވަހީދު ވިދާޅުވީ ޕީޕީއެމްގެ އޮފީސް ބަންދުކުރިޔަސް އަދި އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ހައްޔަރުކުރިޔަސް ސަރުކާރުގެ އެތެރޭގައި ހުރި މައްސަލަތައް ހައްލު ނުވާނެ ކަމަށެވެ. އަދި ހައްޔަރީން ވަގުތުން ދޫކޮށްލުމަށް ވަހީދު ވަނީ ގޮވާލާފައެވެ.
ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ މިއަދުގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައްވާފައެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި 28 މީހަކު ހައްޔަރު ކޮއްފައި ވާއިރު މި މުޒާާހަރާ އަކީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށް އެ އެންގުމާއި ހިލާފަށް ކުރަމުން ގެންދާ މުޒާހަރާ އެކެވެ. ފުލުހުން ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ގޮތަށް އަމަލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
އަދި ހޯމް މިނިސްޓްރީންވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ސަރުކާރުން ނުދޭނެ ކަމަށް ބުނެފައެވެ.