އައްޑޫ ސިޓީގެ މަގުތަކުގެ ބޮޑު ބައެއްގައި ސިމެންތި އެޅައިގެން ހެދުމަށް، މި ސަރުކާރުން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، އެގޮތަށް އެކަން ނުކުރެއްވުމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމް އިން ވާދަކުރައްވާ މުޙައްމަދު ލަޠީފު،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިވަޑައިގެންފިއެވެ.
ރައީސް ޞާލިޙަށް އެޑްރެސްކުރައްވާ ލަޠީފު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އައްޑޫގެ މަގުތަކުގައި ސިމެންތި އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އެއީ މި ޒަމާނުގެ ތަރައްޤީއާ ނުގުޅޭ ބޯދާ ވިސްނުމެއް ކަމުގައި އައްޑޫގެ ގިނަ ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ. އަދި މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށިއިރު، މަޖީދީ މަގު ފަދަ ބޮޑެތި މަގުތަކުގައި ސިމެންތި އަޅައިގެން އެ މަސައްކަތްކުރުމުގެ ނަތީޖާ އަކަށްވީ ސިމެންތި އެޅި މަގުތަކުގައި ތަކެތި ދުއްވަން އޮންނަ ސަރަހައްދުގައި ހުރި ސިމެންތި ކަނޑައިގެން ގޮސް، އުޅަނދު ފަހަރަށް ލިބުނު ގެއްލުމާއި، ހިނގައިބިގައިވެ އުޅުމަށް އޮންނަ ދުވާރު ސަރަހައްދު އޮމާންވުމުގެ ސަބަބުން ވާރޭ ފޮދެއް ވެހިލާއިރަށް މީހުން ކައްސާލައިގެން ވެއްޓި އަނިޔާ ލިބުންކަމަށެވެ. އަދި މިކަން މާލޭގައި ގިނަ ދުވަހު ދިރިއުޅުއްވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ޞާލިޙަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ލަޠީފު ސަޓީގައި ވިދާޅުވެފައިވެއެވެ.
ސިމެންތި އަޅައިގެން މަގުތައް ތަރައްޤީކުރުމަކީ މިހާރު އެއްވެސް ބަޔަކު ކުރާ ކަމެއް ނޫން ކަމަށާއި، އެކަން ކުރުމުގެ ނަތީޖާ މާލެއިން ފެންނަން އެބައޮތް ކަމުގައި ލަޠީފު ފާހަގަކުރެއްވިއެވެ. އަދި އައްޑޫގެ %60 މަގުގައި ސިމެންތި އެޅުމަށް އިންޑިޔާއިން ނެގި ލޯނު ފަހުންވެގެންދާނި ބޭކާރު ބޮޑު ޚަރަދަކަށް ކަމުގައިވެސް ލަޠީފު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސިމެންތި އެޅި މަގުތަކުގައި ހިނގައިބިގައިވެ އުޅުމުށާއި ދުއްވަން ބޭނުންކުރަން ދަތިވެ، ސިމެންތި ކަނޑައި ނަގަންޖެހުމުން ރައްޔިތުންނަށް ކުރިމަތިވާ ދުއްތުރާވެސް ކުރިމަތިވެގެން އަންނާނީ އެކުއެކީގައި ކަމަށެވެ.
ކުރީ ސަރުކާރުތަކުން އައްޑޫގެ މަގު ހެދުމުގައިވި އިހުމާލުން މިހާރުވެސް އެ ސިޓީގެ ރައްޔިތުން އެތަށް އުނދަގުލެއް ތަހަންމަލު ކުރަމުންދާއިރު މަގު ހެދުމުގެ މަޝްރޫއަކީ ހެޔޮ ނިޔަތުގައި ކުރިއަށް ގެންދާ އަދި ރައްޔިތުންގެ މަޝްވަރާއާއެކު ކުރިއަށް ގެންދާ މަޝްރޫއަކަށް ހެދުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި އައްޑޫގެ ތަރައްޤީއަށް ކޮންމެ ސަރުކާރަކުން ކުރާ ކޮންމެ މަސައްކަތަކަށްވެސް، އަދި އައްޑޫ ދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން، އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ލަޠީފު ދެއްވިއެވެ.