ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކޮށް ހުންނަވައިގެން ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ބިރުދައްކަމުންދާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވ.
ހަސަން ލަތީވު ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން ވަގަށް ނަގާފައިވާ ކަމަށެވެ.
ހަސަން ލަތީފު ވިދާޅުވީ މެމްބަރުން ސޮއިކޮށްފައިވާ ފޯމުތަކުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މީހުންނަށް ގުޅައިގެން ބިރުދައްކަމުން އަންނަކަމަށެވެ. އަދި ސްޓޫޑެންޓް ލޯނާއި ގޯތި ނުވަތަ ފްލެޓަށް އެދިފައިވޭތޯ ބެލުމަށް ފަހު، އެކަން ބޭނުންވާ ނަމަ، ޑިމޮކްރެޓްސް އަށް ކުރި ސޮއި އަނބުރާ ގެންދިއުމަށް ބުނެ އިންޒާރު ދެމުން ދާ ކަމަށް ހަސަން ލަތީފްވަނީ ތުހުމަތުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާފައިވާ “ދަ ޑިމޮކްރެޓްސް” އަށް ސޮއިކުރާ މީހުންނަށް ބިރު ދައްކާކަމަށް ތުހުމަތުކޮށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލައެއްގެ ގޮތުގައި ހަސަން ލަތީފްވަނީ މި މައްސަލަ ހުށަހަޅާފައެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެމްބަރުން އަޑުގަދަކުރަން ފެށުމުން އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.