ފެނަކަ ކޯޕަރޭޝަންގެ 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގުނުކުރެވި ހުރުމަކީ އެފަދަ ކޮރަޕްޝަން ހިންގުމަށް ލިބިގެންދާނެ އިތުރު ހިތްވަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ފެނަކައިން ކުދި ވިޔަފާރިތަކަށް ދައްކަންޖެހިފައިހުރި ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ތަރުތީބުކޮށް، ފައިސާ ދެއްކުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހަޅުއްވާފައިވާ ޤަރާރަށް ބަހުސްކުރައްވަމުން ހަސަން ލަތީފު ވިދާޅުވީ ފެނަކައިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދަރާފައިވާ ދަރަނި އެތައް ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މިފަދަ މިސްމެނޭޖިން ގޮތަކަށް ހިންގާ ކުންފުނިތަކުގެ އޮޑިޓެއް ހެދުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވަމުން ހަސަން ލަތީފު ވިދާޅުވީ އާދައިގެ ކުދި ވިޔަފާރިތަކަށް އެ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ މިހާރުން މިހާރަށް އަވަހަށް ދައުލަތުގެ މާލިއްޔާއިން ދެއްކޭނެ ގޮތެއް ހޯދައިދޭންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ހަސަން ލަތީފު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވާން ދޫކޮށްލައިފިނަމަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ އެ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްކުރާކަމަށް ބުނެ ދައުލަތުން ދައްކާ އެއްވެސް ވާހަކައެއް ދެކޮޅުނުޖެހޭނެ ކަމަށެވެ.
މިހާރުވެސް ފެނަކައާ ގުޅުންހުރި 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލަ އޭސީސީއަށް ހުށަހެޅިފައިވާކަން ފާހަގަކުރައްވަމުން ހަސަން ލަތީފު ވިދާޅުވީ މި މައްސަލަތަކަކީ ބެލެންޖެހޭނެ މައްސަލަތަކެއް ކަމަށެވެ.