ތ. ވޭމަންޑޫ އިންޖީން ގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާއިރު، މިރޭގެ ވަގުތެއްގައި ކަރަންޓު ދެވޭނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.
ފެނަކައިން ބުނީ ވޭމަންޑޫ ފެނަކަ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށަށް ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ތ.ގުރައިދޫއިން ޖެނެރޭޓަރު ސެޓެއް މިއަދު ހެނދުނުގެ ވަގުތެއްގައި ވޭމަންޑޫއަށް ގެންގޮސްފައިވާކަމަށެވެ. ގުރައިދޫ އިން 360 ކިލޯ ވޯޓްގެ ޖެންސެޓެއް މިއަދު ހެނދުނު ވޭމަންޑޫ އަށް ގެންގޮސްފައިވާއިރު މިރޭގެ ވަގުތެއްގައި ވޭމަންޑޫ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ގެނެސް ހދުމަތް ދެވޭނެ ކަމަށް ފެނަކަ އިންވަނީ ބުނެފައެވެ.
މިހާތަނަށް އައި އިރު ވޭމަންޑޫ އިންޖީން ގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފުވެފައި ނުވާއިރު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށް ފެނަކަ އިންވަނީ ބުނެފައެވެ.
ވޭމަންޑޫގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށުން ކަރަންޓް ކެނޑުމާއިއެކު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުވެސް ވަނީ އެ ރަށަށް ވަޑައިގަންނަވާފައެވެ.