އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަށް އަދިވެސް ހައްލު ނުވާތީ، އަނެއްކާ އިތުރު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ރޭ ބުނީ 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް ރޭ، އައްޑޫ އަށް ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިއީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އައްޑު އަށް ފޮނުވާ ތިން ވަނަ ޖަނެރޭޓަރުކަމަށާއި ކުރިން ފޮނުވި ދެ ޖަނެރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖަނަރޭޓަރުތަކެއް ހަލާކުވެ، ލޯޑު ނުހިފެހެއްޓޭތީ އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުންދާތާ ހައެއްކަ މަސް ވެއްޖެ އެވެ.
ކަރަންޓުގެ މައްސަލައަށް ހައެއްކަ މަސް ވީއިރު ވެސް އެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި މި ރޯދަމަހުވެސް އެކި ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާލަން ވަނީ ޖެހިފައެވެ.
ފެނަކައި ބުނީ އެގޮތަށް ކަރަންޓު ކަނޑަމުން ދާން ޖެހުނީ އެއް ޖަނެރޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެ މަރާމާތު ކުރަމުން އަންނަނިކޮށް ދެ ވަނަ ޖަނެރޭޓަރެއް ވެސް ފެއިލް ވުމުން ކަމަށެވެ.
މި ރޯދަމަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެކަން ކާމިޔާބު ނުވީ ޖަނެރޭޓަރުތަކަށް ބޮޑެތި މަރާމާތުތަކެއް ބޭނުންވާއިރު، މިއީ ރޯދަމަސް ކަމަށް ވެފައި ހަވީރު ގަޑީގައި “އޯވަލޯޑް” ވާތީ ކަމަށް ފެނަކައިން ބުނެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެކެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް ހަލާކުވެ، މިދިޔަ އަހަރުން ފެށިގެން ވެސް ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވީ އެވެ.