English Edition
Dhivehi Edition

މޮރޮކޯގެ މުސްލިމް ޒުވާން އިއްފަތްތެރި އަންހެނުންނާ ކައިވެނި ކުރަން ބޭނުންވާ ދިވެހި ފިރިހެނުންނަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި އެކަމަށް އެދި ގުޅަންޖެހޭ ނަންބަރާއެކު ސޯޝަލް މީޑިއާގައި އާންމުވެގެން ދިޔަ ޕޯސްޓާއި އެކު ޓްވިޓާ އާއި ފޭސްބުކްގެ އިތުރުން ވައިބަ ގްރޫޕްތަކާއި ވަޓްސް އެޕް ގްރޫޕްތައް ފުރާލިއެވެ.

އަންހެން ކުދިންގެ ފޮޓޯ އާއި އެކު އިއްޔެ ސޯޝަލްމީޑިއާގައި އެބުރެން ފެށި މި ޕޯސްޓުގައި ބުނެފައި މިއީ 19- 25 އަހަރާއި ދެމެދުގެ އަންހެން ކުދިން ކަމަށެވެ. އަދި އެ އަންހެން ކުދިން ރާއްޖެ ގެނައުމުގެ ކުރިން އޮންލައިންކޮށް ކައިވެނި ކުރެވޭނެ ކަމަށެވެ. އަދި ކައިވެންޏަށް ފަހު ރާއްޖެ އައިސް ކަރަންޓީނު ވުމުގެ ޚަރަދުވެސް ހަމަޖައްސައި ދޭނެ ކަމަށާއި އެ ކުދިންނަށް ދިވެހި ބަސްވެސް ދަސްކޮށްދޭނެ ކަމަށެވެ.

އެ ޕޯސްޓުގައި ދެ މީހެއްގެ ފޯނު ނަމްބަރުވެސް ހިއްސާކޮށްފައިވާއިރު އެއީ ކޮން ބައެއްކަމެއް އެ ޕޯސްޓަކުން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ދިވެހިން އެ ނަމްބަރުތަކަށް ގުޅިއެވެ.

މި ޕޯސްޓުގައި ހިއްސާކޮށްފައިވާ އެއް ނަމްބަރުކީ ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކު އަޒީޒުގެ ނަމްބަރުކަމެވެ. އަދި ދެވަނަ ނަމްބަރަކީ އެ އޮފީހުގެ އެހެން މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝުރެއިހުގެ ފޯނު ނަމްބަރެވެ. މި މައްސަލަ އާއި ގުޅިގެން މަބުރޫކް މިއަދު ވިދާޅުވީ އެއީ ބަޔަކު ސަމާސާއެއް ނުވަތަ ޖެއްސުމަކަށް ކުރިކަމެއްކަމުގައި ވިޔަސް އެއީ ކަންބޮޑުވުން އޮތް ސީރިއަސް މައްސަލައެއް ކަމަށެވެ. އެ ޕޯސްޓުގައި އޭނާގެ ފޯނު ނަމްބަރު ހިމެނުމުގެ ސަބަބުން އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ކޯލުތައް ކުރާތީ ފޯނު ނިންވާލަން މަޖުބޫރުވި ކަމަށެވެ.

އިތުރަށް މަބްރޫކް ވިދާޅުވީ ރޭއަކަނިވެސް 80 އަށްވުރެ ގިނަ ކޯލު އައި ކަމަށާއި ބައެއް މީހުން ގުޅާފަ އެ ހިދުމަތަށް އެދިފައިވެސް އެބަހުރިކަމަށެވެ. އަދި އަގުދީފައި ކުދިން ގެނައުމަށްވެސް ބައެއް ފަރާތުން ތައްޔާރަށް ތިބިކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ މިއީ ވަރަށް ދެރަކަމެއް ކަމަށެވެ. “ހިއުމަން ޓްރެފިކިން އަކީ ވަރަށް ބޮޑު މައްސަލައެއް. މިގޮތަށް ބޭރު މީހުންނާއި ކައިވެނިކޮށްގެން ރާއްޖެ ގެނެސްފައި އެބަ ހުރި. އެއީ މިހާރުވެސް އޮތް ވަރަށް ބޮޑު އިޝޫއެއް.” މަބްރޫކް ވިދާޅުވިއެވެ.

އެ ދެ ބޭފުޅުންގެ ފޯނު ނަމްބަރާއެކު ޓްވިޓާ އާއި ފޭސް ބްކުގައި ދައުރުކުރި ޕޯސްޓަކީ ބަޔަކު މީހުން ކޮން ނިޔަތެއްގައި ކުރިކަމެއްކަން އަދި ސާފުވެފައި ނުވާއިރު މި މައްސަލަ މިހާރުވަނީ ފުލުހުންގެ ސަމާލުކަމަށްވެސް އައިސްފައެވެ.