English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އާއި ޕްރިންސް ފިލިޕް ގެ ރައްކާތެރިކަމަށްޓަކައި ވިންޑްސަރ ކާސަލްގައި މަސައްކަތްކުރާ މުއައްޒަފުންނަށްވެސް އެމީހުންގެ އާއިލާއާއި ބައްދަލުކުރުން މަނާކޮށްފިއެވެ.

ރާނީ އެލިޒަބަތު އާއި ޕްރިންސް ފިލިޕްގެ މުއައްޒަފުންގެ ތެރެއިން 22 މީހަކު ވިންޑްސަރ ކާސަލްގައި ކަރަންޓީންކޮށްފައިވާއިރު، ޝާހީ ގަނޑުވަރުގައި މަސައްކަތްކުރާ މުއައްޒަފުންނަށް އާއިލާ އާއި ލޯބިވާމީހުންނާއި ބައްދަލުކުރުން ވަނީ މަނާކޮށްފައެވެ. ވިންޑްސަރ ކާސަލް ރާނީ އާއި ޕްރިންސްގެ އިތުރުން 22 މުއައްޒަފުން ސެލްފް އައިސޮލޭޝަންގައި ތިބިއިރު ޝާހީ އާއިލާގެ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއްވަނީ އަޅާފައެވެ. މިގޮތުން ރާނީ ވަނީ އެކަމަނާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝާހީ އާއިލާގެ އެއްވެސް ބޭފުޅަކާއި މި ދުވަސްކޮޅު ބައްދަލުނުކުރަން ނިންމާފައެވެ. މީގެކުރިން ރާނީ އާއި ޕްރިންސް ފިލިޕްގެ ސިއްހަތާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ޕްރިންސް ވިލިއަމްވެސް ވަނީ އާއިލާގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެކަމަށް ވިދާޅުވެފައެވެ.

އިނގިރޭސި ވަލީއަހުދު ޗާލްސް ފިލިޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ޗާލްސްއަށް ވައިރަސް ޖެހުނީ، އަވަދިފުޅު ނެތި އެކި ޙަރަކާތްތަކުގައި ބައިވެރިވަޑައިގެން އުުޅުއްވުމުގެ ތެރޭގައިކަމަށް ބަކިންގހަމް ޕެލެސްގެ ތަރުޖަމާނުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކޮވިޑް-19ގެ ނުރައްކާ ޗާލްސްއަށް ކުރިމަތިވެވަޑައިގެންނެވި ފަހުންވެސް ރާނީއާއި ބައްދަލުކުރައްވާފައިވެއެވެ، ޗާލްސް ވައިރަސް އަށް ޕޮޒިޓިވްވުމާއެކު މަންމާފުޅާއި، ބައްޕާފުޅުވެސް ވަނީ އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފައެވެ.