English Edition
Dhivehi Edition

އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން 1700 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅިގެން ރަށްވެހިވެފައިވާ ރަށް ބަދަލުވެފައިވާ ފަރާތްތަކަށާއި މިހާރު ދުނިޔޭގައި ނެތް ފަރާތްތަކުގެ ނަން ލިސްޓުގައި ހިމެނޭ ނަމަ އެ ނަންތައް އުނިކުރަން ހުށަހަޅާ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ. މިފުރުސަތުގައި 1758 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ދެން ވޯޓާސް ލިސްޓު އިއުލާނު ކުރާނީ އެ ޝަކުވާތައް އިސްލާހު ކުރުމަށް ފަހުގައެވެ.

އަންނަ އޭޕްރީލް މަހު 10 ވަނަ ދުވަހު ވޯޓްލާން ހަމަޖެހިފައިވާއިރު ވޯޓް ކަރުދާސްތައް މިހާރު ވަނީ ޕްރިންޓްކުރަން ދީފައި ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.