English Edition
Dhivehi Edition
ފޮޓޯ: ޑަބްލިއުޑީސީ/ފޭސްބުކް

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެންއެް ޚާއްސަކޮށްގެން ބޭއްވި އިނގިރޭސި ކޯސް ނިންމާލައިފިއެވެ.

އައްޑޫ ސިޓީ އަންހެނުންގެ ކޮމިޓީން އެދުނު ގޮތަށް އެމް.އެން.ޔޫ އިން ފަރުމާކޮށް ކުރިއަށް ގެންދިޔަ މި ކޯހަކީ ބޭސިކް އިންގްލިޝް ކޯހެކެވެ، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމް.އެން.ޔޫ ކެމްޕަހުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި 22 ފަރާތަކުން މި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ވަނީ ހާސިލްކޮށްފައެވެ.

10 ދުވަހަށް ބަހާލައިގެން 40 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ކޯހާއި ބެހޭ ގޮތުން އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބް ރައީސާ ނައުމާ އަބްދުﷲ ވިދާޅުވީ މި ކޯހުގެ މައިގަނޑު މަގްސަދަކީ އެކަނި އިނގިރޭސި ބަހުން ވާހަކަދެއްކޭނެ ފެންވަރަށް މީހުން ތަމްރީން ކުރުން ކަމަށެވެ. ” ގިނަ މީހުން ބޭނުންވޭ ޑޮކްޓަރަށް ދައްކަން ގޮސް އަމިއްލައަށް ވާހަކަދައްކަން. ރާއްޖެއިން ބޭރު ގައުމުތަކަށް ގޮސްވެސް އެކަނި އުޅެވޭ ވަރަށް ވަހަކަދައްކަން.” ނައުމާ ވިދާޅުވިއެވެ.

އިތުރަށް ނައުމާ ވިދާޅުވީ މިއީ މި ފަދަ ކޯހެއްގެ ފުރަތަމަ މަރުހަލާކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިކަހަލަ ކޯސްތައް ކުރިއަށް ގެންދާނެކަމަށެވެ.