އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗްއާ ދެކޮޅަށް ރަޝިޔާގެ ޑެނީލް މެޑްވެޑޭވްއާ ބައްދަލުކުރާން ޖެހިއްޖެއެވެ.
މިއީ އޮސްޓްރޭލިއަން އޯޕަން 8 ފަހަރު ކާމިޔާބުކޮށްފައިވާ އުމުރުން 33 އަހަރުގެ ޖޮކޮވިޗް، މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި 9 ވަނަ ފަހަރެވެ. މީގެކުރީން، އޭނާ ވަނީ 2008، 2011، 2012، 2013، 2015، 2016 އާއި 2019 އަދި 2020 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޖޮކޮވިޗް ފައިނަލަށް ދަތުރުކުރީ، އިއްޔެ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ދުނިޔޭގެ ރޭންކިންގެ 114 ވަނައިގައި އޮތް ރަޝިޔާގެ އަސްލާން ކަރަޓްސޭވް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓްތައް ޖޮކޮވިޗް ގެންދިޔައީ 6-3، 6-4 އަދި 6-2 އިންނެވެ.
އެންމެ ފަހުން ކުޅެވުނު ޕެރިސް މާސްޓާސް އާއި އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ އިތުރުން އޭޓީޕީ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ މެޑްވެޑޭވް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ، މިއަދު ރޮޑް ލޭވާ އެރީނާގައި ކުޅެވުނު ސެމީގެ ދެވަނަ މެޗުގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އަތުން 6-4، 6-2 އަދި 7-5 އިން ކުރިހޯދައިގެންނެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައިގައި އޮތް މެޑްވެޑޭވްއާ ދެކޮޅަށް ޖޮކޮވިޗް އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ކުޅެވުނު އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ގްރޫޕް ސްޓޭޖުގައެވެ. އެ މެޗު ސީދާ ސެޓުން ގެންދިޔައީ މެޑްވެޑޭވް އެވެ.
މިހާތަނަށް ގްރޭންޑް ސްލޭމް 17 މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗްއާ ދެކޮޅަށް މެޑްވެޑޭވް ކުޅޭ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގައެވެ.