މިއަދުވެސް އައްޑޫސިޓީން ކޮވިޑް 19 އަށް އެކަކު ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ޢާއްމުކުރި މަޢުލޫމާތު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވީ ފޭދޫ މީހެކެވެ. އޭނާއާއި އެކު ފޭދޫއިން ފައްސި ވި މީހުންގެ ޢަދަދަކީ 14 އެވެ. ހިތަދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް 20 މީހަކު ތިބި އިރު އައްޑޫސިޓީގައި އެންމެ ގިނަ ޢަދަދަކަށް މިބައްޔަށް ޕޮޒިޓިވް މީހުންތިބީ ހުޅުދޫމީދޫގައެވެ. 26 މީހުން ހުޅުދޫމީދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ އިރު މިއެންމެންނަކީ ވެސް ބިދޭސީންނެވެ. މަރަދޫފޭދޫގައި ވެސް މި ބައްޔަށް 4 މީހަކު ފައްސި ވެފައިވާ އިރު އައްޑޫސިޓީން މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވާ ހަމައެކަނި އަވަށަކީ މަރަދޫއެވެ. އައްޑޫސިޓީގައި ކޮވިޑް 19 އަށް ފައްސިވެފައިވާ 64 މީހަކު ތިބިއިރު މީގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ.
މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް އައްޑޫސިޓީގައި ވަނީ 157 ސާމްޕަލެއް ނަގާފައެވެ. މިވަގުތު ކަރަންޓީންގައި ތިބި މީހުންގެ ޢަދަދަކީ 214 އެވެ.
އައްޑުސިޓީން ކޮވިޑް 19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފެބްރުއަރީ 9 އަކުން ފެށިގެން އެއް ހަފުތާއަށް ކާފިއު ހިންގުމަށްފަހު ކާފިއުގެ މުއްދަތު އިތުރު 1 ހަފްތާއަށް ދިގު ދަންމާފައިވެއެވެ. އެހެންނަމަވެސް ކޮވިޑް19ގެ އައްޑޫގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޑރ. އަބްދުﷲ މުންޝިދު ވިދާޅުވީ އައްޑޫން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވި ކްލަސްޓާތަކުގެ ބޭރުން މިހާތަނަށް އެއްވެސް މީހަކަށް ބަލި ޖެހިފައިނުވާކަމަށެވެ. އެހެންކަމުން އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭކަމަށް ޑރ.މުންޝިދު ވިދާޅުވިއެެވެ،
އައްޑޫގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާކަން ފާހަގަކޮށް ޑރ.މުންޝިދު ވިދާޅުވީ އެގޮތަށް ދިމާވީ ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ވަރަށް ރަނގަޅަށް އިޖާބަ ދެމުން އަންނާތީ ކަމަށެވެ. އިތުރަށް ޑރ.މުންޝިދު ވިދާޅުވީ މި ވަގުތު ކޮމިއުނިޓީ ސްޕްރެއް އޮތް ކަމަށް ނުބެލުނަސް އަދިވެސް ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމަށެވެ.