English Edition
Dhivehi Edition

އައްޑޫ ސިޓީ އަށް އަންނަ ފަތުރުވެރިންނަށް ގެސްޓްހައުސްތަކުން ނުލިބޭފަދަ ޚިދުމަތްތައް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން އައްޑޫ ސިޓީގެ ސަވާހިލި ކިޔާ ފަޅުރަށް، އެފަދަ ޚިދުމަތްތައް ލިބޭނެ ގޮތަށް ‘ސަވާހިލި’ ތަރައްޤީކުރުމަށް ނިންމާ އެކަން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާގައިވަނީ ފޭދު އާއި މަރަދޫފޭދު އާއި ދޭތެެރޭ އޮންނަ ކުޑަކުޑަ ފަޅު ރަށެއްކަމުގައިވާ ‘ސަވާހިލި’ ތަރައްޤީ ކުރުމަށް ހުޅުވާލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅުމަށް ފާސްކޮށްފައެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުގައިވެސް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރުމަށް އިސްމެހެލާހެރަ އާއި ސަވާހިލި ވިއްކާލަން ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. މި ގޮތުން އޭރު ސަވާހިލި ވިއްކާލަން ނިންމާފައި ވަނީ 1.3 މިލިއަން ޑޮލަރަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން 26 މާރޗް 2019 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައިވެސް ވަނީ ސަވާހިލި ޕިކްނިކް އައިލެންޑަކަށް ހެދުމަށް ނިންމާފައެވެ. އެ ދުވަހުގެ ޖަލްސާގައި ބާއިވެރިވި 06 މެމްބަރުންގެ ތެރެއިން 04 މެމްބަރުންގެ ވޯޓާ އެކު އައްޑޫގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ނެތުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ މަޤްޞަދުގައި، ހިތަދޫ އިރުމަތީ ފަރާތުން ހިތަދޫ ނެރު ކައިރީ އޮތް އައުހެރަ” އާއި، މަރަދޫފޭދޫ ހުޅަނގު އުތުރުން އޮންނަ “ސަވާހިލި” ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީކޮށް ރައްޔިތުންނަށް ދަތުރު ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކޮށްގެން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކާއި މި 2 ރަށް ޙަވާލުކުރުމަށް ފެންނަކަމަށް ވަނީ ފާސްކޮށްފައެވެ.