English Edition
Dhivehi Edition
ފޮޓޯ ؛ އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި، ގެވެށި މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން އެލްޑަރލީ ހޯމެއް ޤާއިމުކުރުމަށް ފޭދޫ ހިއްކިބިން ދޫކުރަން ނިންމި 15،000 އަކަފޫޓުގެ ބިން 30،000 އަކަފޫޓަށް ބަދަލުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާގައި،މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އެ ބިން ބޮޑުކޮށް ދިނުމަށް އެދުމާއި ގުޅިގެން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި 15،000 އަކަފޫޓުގެ ބިން 30،000 އަކަފޫޓުގެ ބިމަކަށް ބަދަލުކޮށްދިނުމާއި ގުޅޭ ގޮތުންވަނީ މަޝްވަރާކޮށްފައެވެ. އަދި ޖެންޑަރ އިން އެދުނު ގޮތަށް އެ ބިން ބަދަލުކުރުމަށް ކައުންސިލްގެ މިއަދުގެ ޖަލްސާގައިވަނީ ނިންމާފައެވެ.

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީސް ހުޅުއްވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހްވެސް ވަނީ ޢުމުރުން ދުވަސްވެ، އަޅައިލާނެ ފަރާތެއްނެތި އެކަނި ދިރިއުޅެމުން އަންނަ މީހުންނަށް، ދައުލަތުގެ ފަރާތުން ހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ފަރާތްތަކަށް ދައުލަތުން “އެލްޑަރލީ ހޯމްއެއް” ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި އެލްޑަރލީ ހޯމްޤާއިމުކުރުމަށް 15,000 އަކަފޫޓުގެ ބިމެއް ފޭދޫ އަވަށުން ހަމަޖެއްސުމަށް ފެންނަކަމަށާއި، މަރަދޫ އަދި ފޭދޫ އަވަށުން މި ބިންތައް ހަމަޖެއްސެން ނެތްނަމަ ހިތަދޫ އަވަށުން މިބިންތައް ހަމަޖެއްސުމަށާއި، ބިންތައް ކަނޑައަޅާއިރު އައްޑޫސިޓީގެ ލޭންޑް ޔޫޒް ޕްލޭނަށް ބަލައި އެ އަވަށަކުން ބިންތައް ދެވެން އޮތް ސަރަހައްދުތައް ކަނޑައެޅުމަށް ޤަވާޢިދާއި އެއްގޮތަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަށް ފެންނަކަމަށް ކައުންސިލުން ފާސްކޮށްފައިވަނީ 16 ސެޕްޓެމްބަރ 2020ގައެވެ.