English Edition
Dhivehi Edition

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ އަށް ހަފްތާ ފަހުން ކަމަށް ޑރ.ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ރޭ އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އަދި އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު ވެކްސިންގެ ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

“މި ނިންމުން މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބެލުމަށް ފަހު ނިންމާފައިވަނީ. އެއީ ހަތަރު ހަފްތާއާ އަޅާބަލާއިރު ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖެހީމަ އެއިން ލިއްބައިދޭ ރައްކާތެރިކަން އިތުރުވާކަން ފާހަގަ ކުރެވޭތީ”، ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެއިން ނިންމާ ކޮންމެ ނިންމުމެއް ބިނާވާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އަދި އެންމެ ފަހުގެ ދިރާސާތަކުގެ މައްޗަށް ކަމަށާއި ދެވަނަ ޑޯޒް ޖެހުމާއި ހަމައަށް ވެކްސިން ކާޑް ރައްކާތެރި ކަމާއެކު ގެންގުޅުމަށް އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގައި މިހާތަނަށް 56،218 މީހުންނަށް ވަނީ ކޮވިޝީލްޑް ވެކްސިން ދީފައެވެ. ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީފެބްރުއަރީ މަހު ފުރަތަމަ ދުވަހުގައެވެ. އިއްޔެ އެކަނިވެސް ރާއްޖޭގެ އެކިކަންކޮޅުތަކުން 6000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.