English Edition
Dhivehi Edition

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ޖެހިފައި ހުރި ކުޑަކުއްޖަކު އައްޑޫ ސިޓީއިން ފެނުމާގުޅިގެން އެބަލީގެ ޙާލަތު ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތަކާމެދު ގޮތެއް ނިންމުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓީމެއް މިއަދު އައްޑޫއަށް އައުމަށް ނިންމައިފިއެވެ.

މިކަމާގުޅިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އޭއޯނިއުސް އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އެޗްޕީއޭގެ ޓީމް މިއަދު އައްޑޫއަށް އައުމުން،އެޓިމާއެކު މީސްލްސް ކޭސް އައްޑޫ ގައި އޮތް މިންވަރުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާނެ ކަމަށާއި އޭގެ އިތުރުން ވެސް މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާމެދުވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

ހޯމަ ދުވަހު އައްޑޫއިން މިބަލީގެ ކުއްޖަކު ފެނިފައިވާއިރު މިކަމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އައްޑޫއިން ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެ އެ ބަލި ޖެހިފައިވާ ކަމަށް ބެލެވޭ އިތުރު ކުއްޖަކު ދެނެގަނެވި، ކޮންފާމްކުރުމަށް ސާމްޕަލް ނަގައި ޓެސްޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެޗްޕީއޭ އިން ބުނީ އެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެ ކުދިންގެ ކިބައިން އެހެން މީހަކަށް އެ ބަލި ފެތުރުމުގެ ފުރުސަތެއް ނެތްކަމަށެވެ.

އެހެންނަމަވެސް މިއީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވުމާއެކު އެފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އުސޫލުގެ މަތިން ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާ ގުޅިގެން ކުރަމުންދާ ކަމަށް އެ އެޖެންސީން ބުނެ އެވެ.

ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާތީ, ބަލީގެ އެންމެ ކޭސްއެއް ފެނުނު ނަމަވެސް އެއީ ބަލީގެ އައުޓްބްރޭކެއް ކަމަށް ބަލަ އެވެ. އެޗްޕީއޭއިން ބުނީ ހިމަބިހީގެ މި އައުޓްބްރޭކްގެ ކޭސް އިންވެސްޓިގޭޝަން އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު މައުލޫމާތު އެގެމުންދާ ވަރަކަށް ހާމަކުރަމުން ދާނެ ކަމަށެވެ.

މި ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އަނެކާއަށް މި ބަލި ފެތުރެނީ ބަލީގެ ސަބަބުން ގައިގައި ނަގާ ބިހިތައް ނެގުމުގެ ފަސް ދުވަސް ކުރިންނާއި ބިހިތައް ފެނުމަށް ފަހު ފަސް ދުވަސް ހަމަވުމާ ދެމެދު އޮންނަ މުއްދަތުގެ ތެރޭގައެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި ބަލި ޖެހިފައިވާ މީހާ ކެއްސުމުންނާއި ވައިގެ ތެރެއަށް އެ ވައިރަސް ފެތުރުމުން މި ބަލި އެހެން މީހުނަށް ޖެހެއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަން ޑަބްލިއުއެޗްއޯއިން އިއުލާން ކުރީ 2017 ވަނަ އަހަރެވެ. އޭގެފަހުން 2020 ވަނަ އަހަރު ކުރީކޮޅު ވެސް ހިމަބިހީގެ އައުޓްބްރޭކެއް އައި ނަމަވެސް އެ އައުޓްބްރޭކް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.