މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް މިއަދު 06:00 އިން 12:00 އަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރޭ 08:00 އިންް މިރޭ 08:00 އަށް ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެން ވެއެވެ. މީގެ އިތުރުން މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އުތުރުގެ އަތޮޅުތަކަށް މޫސުން ޢާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މެޓް އޮފީހުން އިތުރަށް ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށާއި، ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.