English Edition
Dhivehi Edition

ކޮވިޑް-19ގެ ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕެއިން “ދިފާޢު” މާދަމާ ގދ. ފަރެސްމާތޮޑާގައި ފެށިގެންދާނެއެވެ.

މުޅިދުނިޔެ މިހާރު ތަހައްމަލުކުރަމުންދާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަނެ ދިރިއުޅުމުގެ އާއްމު ހާލަތަށް ރުޖޫއަވުމަށްޓަކައި ދިވެހި ސަރުކާރުން ކުރައްވަމުންގެންދަވާ މިންނެތް މަސައްކަތްތަކުގެ ތެރެއިން, ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ޖަހާ ކޮވިޑް ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕެއިން “ދިފާޢު” މާދަމާ ފަރެސްމާތޮޑާގައި ފެށިގެންދާނެ ކަމަށް ގދ. ފަރެސްމާތޮޑާ ސިއްޙީ މަރުކަޒުން ވަނީ ހާމަކޮށްފައެވެ.

މި ކެމްޕެއިންގެ ދަށުން މާދަމާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ ގދ. ފަރެސްމާތޮޑާ ސިއްޙީ މަރުކަޒުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނަށާއި އެ ރަށުގައި ދިރިއުޅޭ 80 އަހަރުން މަތީގެ ބޭފުޅުންނަށެވެ.

ގދ. ފަރެސްމާތޮޑާގައި ދިރިއުޅޭ ބޭފުޅުންނަށް ދޭން އެޗް.ޕީ.އޭ. އިން ފޮނުވި 60 ޑޯޒް ވެކްސިން މިހާރު ގދ. ފަރެސްމާތޮޑާ ސިއްޙީ މަރުކަޒަށް ލިބިފައިވާ ކަމަށާއި ވެކްސިން ލިބެމުން އަންނަ ވަރަކުން ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް އިސްކަން ދީގެން، ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން ޝެޑިއުލް ކުރެވިގެން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް ގދ. ފަރެސްމާތޮޑާ ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ، ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައި ވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. ކޮވިޝީލްޑް އަކީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެފައިވާ ވެކްސިނެކެވެ.