ކޮވިޑް 19 އިން ދިފާޢު ވުމަށް ވެކްސިން ޖެހުން އައްޑޫސިޓީގައި މާދަމާ ވެސް ކުރިއަށް ދާނެއެވެ. ކޮވިޑް 19 ގެ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ އަދުސަރު ވިދާޅުވީ 80 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުން އައްޑޫ ހައި ސްކޫލާއި އަވަށް އަވަށުގެ ހެލްތް ސެންޓަރު ތަކުގައި ކުރިއަށް ދާނެކަމަށެވެ.
ހެނދުނު 10:00 އިން ހަވީރު 4:00އަށް ވެކްސިން ޖެހުން ކުރިއަށްދާއިރު ކިއު ނަމްބަރ ދޫކުރުން އޮންނާނީ ހެނދުނު 10 އަކުން މެންދުރުފަހު 3 ޖެހުމާއި ހަމަޔަށެވެ. މީގެ އިތުރުން ބަލިޙާލަތުގެ ގޮތުންނާއި ޢުމުރުން ދުވަސް ވުމުގެ ސަބަބުން އަމިއްލައަށް ވެކްސިން ޖަހަން ނާޖެވޭ މީހުން މިލިންކް ގައި ރަޖިސްޓްރީ ވުމުން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އޭއީއެޗުން ވިދާޅުވެއެވެ.
ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަމުން އަންނައިރު މާލޭގެ 8 ތަނަކުން މިޚިދުމަތް ފޯރުކޮށްދެއެވެ. އަތޮޅުތެރޭގައި ވެސް 54 ތަނަކުން ވެކްސިން ޖަހަމުން ދެއެވެ.
ރާއްޖޭގައި ޖަހަމުން ދަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްޤީ ކޮށްފައިވާ ބްރޭންޑެއް ގެ ވެކްސިނެކެވެ. ކޮވިޝީލްޑް ގެ ނަމުން ނަން ދީފައިވާ މި ވެކްސިން އުފައްދާ ބާޒާރަށް ނެރެފައިވަނީ ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިންނެވެ. ރާއްޖެއަށް ކޮވިޝީލްޑް ގެ އެއްލައްކަ ޑޯޒް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވެއެވެ. ކޮންމެ މީހަކަށް 2 ޑޯޒް ދޭ މިވެންސިން އިން ރާއްޖޭގެ 50000 މީހުންނަށް ވެކްސިން ދެވޭނެއެވެ.