ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަކީ ހަނގުރާމަވެރި ނުވަތަ ގާނޫނުތަކާއި ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ ޤަވާއިދުތަކާއި ހިލާފުވާފަދަ އަމަލުތަކާއި ޖަމްއިއްޔާތަކާ އެއްވެސް މިންވަރަކަށް ގުޅިފައިވާބައެއްކަން ފާޙަގަކުރެވިފައި ނުވާކަމަށް ދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ
އެފްއޭއެމް އިން މިހެން ބުނެފައިވަނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ޢަނީ (އަކޫ) އަކީ ހަރުކަށީ ފިކުރުގެ ބައެއް ކަމަށް ސިފަކޮށް ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައެވެ.
އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމާއި ފުޓުބޯޅައިގެ އެންމެ އިސް އިދާރާ ކަމަށްވާ ފީފާގެ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެ އަމަލުކުރަމުންދާ ކުޅުންތެރިން ކަމަށެވެ. އަދި ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބައި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައި ވެސް ނަމޫނާ ކުޅުންތެރިން ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަކީ ސީރިޔާއަށް ޖިހާދުވާން ދިއުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށާއި ބަލިވެއްޖެ ނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވަނީ ހަގގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް އެސޯސިއޭޝަނުން ކުށްވެރިކުރާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މި ވާހަކަތަކުގެ ސަބަބުން ދިވެހި ފުޓުބޯޅަ އާއިލާއަށާއި ކުޅުންތެރިންނާއި އެކުޅުންތެރިންގެ އާއިލާތަކަށް އަގު ނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށް އެ އެސޯސިއޭޝަނުންވަނީ މީޑިއާގައި ދައްކާފައިވާ މި ވާހަކަތަކަކީ އާދައިގެ ވާހަކަތަކެއް ނޫން ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް ގޮވާލާފައެވެ.