މިދިޔަ ބުދަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިންގި މާރާމާރިއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ފުލުހުން އިއްޔެ ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު ކޯޓު އަމުރުގައި ވަނީ އެމީހުންގެ މައްޗަށް ކޮށްފައި ވަނީ މާރާމާރީ ހިންގުމާއި ބިރުދެެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ ތުހުމަތުކަމަށެވެ. އަދި މި ދެމީހުންނަކީވެސް ކުށުގެ ރެކޯޑް އޮންން ދެމީހުންކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އަމުރުގައި ވަނީ މި ދެމީހުންކުރެ، 35 އަހަރުގެ މީހާ ދަނޑުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފުލުހުން ހުށަހެޅި ވީޑިއޯ ފުޓޭޖުތަކުން ފެންނަ ކަމަށެވެ. އަދި އޭނާ އަކީ ޓީމްގެ އޮފިޝަލެއް ކަމަށް ދިފާއީ ވަކީލުން ބުނެފައިވާއިރު އޭނާ ދަނޑުމައްޗަށް އެރީ އެފްއޭއެމްގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ. އިތުރަށް ދިފާއީ ވަކީލުން ވަނީ އޭނާ އެއްވެސް މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައި ނުވާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ކޯޓު އަމުރުގައި ވަނީ އެގޮތަށް ވަކީލުން ބުނުން ފިޔަވާ އެކަން ސާބިތު ކުރެވޭނެ ލިޔުމެއް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައި ނުވާކަމަށެވެ.