English Edition
Dhivehi Edition
އަލީ އަޝްފާގު (މ) ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން. --ފޮޓޯ: ބޯޅަ.އެމްވީ

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ގައުމީ ޓީމާއެކު ކުޅެން އޮތް ކޮލިފައިން މެޗުތައް ކުޅުމުގެ ފުރުޞަތު ގެއްލިއްޖެއެވެ.

ދަގަނޑޭގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން މިއަދު ކުރި ޕޯސްޓެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީފައިވާއިރު މިހާތަނަށް އޭނާގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށާއި އަދި ކުޅުންތެރިންނާއި ޓީމަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.

ދަގަނޑޭގެ އިތުރުން ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް އެންމެ ފަހުން ހެދި ޓެސްޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީވެ، ކޮލިފައިންގެ މެޗުތައް ކުޅުމަށް ޗައިނާ އަށް ދާ ސްކޮޑުން ވަނީ ބާކީ ކޮށްފައެވެ. މިއާއެކު، މި ދެ ކުޅުންތެރިން ވެސް ކޮވިޑް-19ގެ ޕްރޮޓޮކޯލްގެ ދަށުން 10 ދުވަހުގެ މުއްދަތަށް ދުބާއީގައި ކަރަންޓީނުވާން ޖެހޭނެއެވެ.

ކުރިން ހަމަޖެހިފައިވާ އޮތީ ޗައިނާ އަށް ދިއުމަށްޓަކައި މިއަދު ފުރާ ގޮތަށެވެ. އެކަމަކު، ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމުން ޗައިނާގެ ހެލްތު އޮތޯރިޓީން ލިބެންޖެހޭ ހުއްދަތައް ނުލިބޭތީވެ ފުރުން ވަނީ ލަސްވެފައެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިން ޗައިނާ އަށް ފުރުމުގެ ކުރީން އިތުރު ޓެސްޓްތަކެއް ހަދަންޖެހޭނެ ކަމަށް ބެލެވެއެވެ.

ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ތިންވަނަ ދުވަހު ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އޭގެ ހަތަރު ދުވަސްފަހުން ސީރިއާއާ ދެކޮޅަށް ނިކުންނައިރު ފަހު މެޗުގައި އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ނިކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.