English Edition
Dhivehi Edition
މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއާއި ވާދަކޮށް ބަނގްލަދޭޝް މޮޅުވުމުން ކުޅުންތެރިން އުފާފާޅުކުރަނީ

ސްރީލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއާއި ވާދަކޮށް ބަނގްލަދޭޝް ކުރިހޯދައިފިއެވެ. ލަންކާގެ ވެރިރަށް ކޮޅުނބުގައި މިއަދު ކުޅުނު މެޗުން ބަންގްލަދޭޝްއިން ކުރިހޯދީ 1-2 ން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިމެޗްގެ ފުރަތަމަ ލީޑްވެސް ނެގީ ބަނގްލަދޭޝްއިންނެވެ.މެޗް ގެ 12 ވަނަ މިނިޓްގައި އެޓީމްގެ ކެޕްޓަން ޖެހިގޯލަށްފަހު ރާއްޖެއިން ލަނޑެއްޖެހީ ފުރަތަމަ ހާފްގެ 32 ވަނަ މިނިޓްގައެވެ. އެގޯލް ރާއްޖެއަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ޢުމެއިރުއެވެ.

1-1ގައި އޮވެ މިމެޗް ނިމެންއުޅެނިކޮށް ބަނގްލަދޭޝްއިން މެޗް ކާމިޔާބުކުރީ ލިބުނު ޕެނަލްޓިއަކާއެކުއެވެ. ރާއްޖޭގެ ކީޕަރު އަލީ ނާޖިހު ކުރި ފައުލަކާއި ގުޅިގެން ލިބުނު އެ ޕެނަލްޓީ ކާމިޔާބުކޮށް ރާއްޖެއަތުން ބަނގްލަދޭޝް މޮޅުވި ލަނޑުޖެހީ އެޓީމްގެ ޑިފެންޑަރ ޓޯފޫ ބަރްމަންއެވެ.

މިއީ 2003 ވަނަ އަހަރުގެ ފަހުން ބަނގްލަދޭޝް އަތުން ރާއްޖެ ބަލިވި ހަމައެކަނި ފަހަރެވެ. މި މުބާރާތުގެ ފުރަތަމަ މެޗްގައި ރާއްޖެ ވަނީ ލަންކާއާއި އެއްވަރު ވެފައެވެ.

މިއަދުގެ ނަތީޖާއާއިއެކު މި މުބާރާތުގެ ފައިނަލަށް ދިޔުމުގެ ޗާންސް ރާއްޖެއަށް ވަނީ ހަނިވެފައެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހު ހަވީރު 3:30 ގައެވެ.