ސިނގިރޭޓް ބުއިމުން މަރުވާ މީހުންނަށް ވުރެ ފަލަބަލީގައި މީހުން މަރުވާ މިންވަރު މައްޗަށް ގޮސްފައިވާ ކަމަށް އިނގިރޭސިވިލާތާއި ސްކޮޓްލޭންޑުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތާއި ސްކޮޓްލޭންޑްގެ ދިރާސާއަކުން ދައްކާގޮތުގައި މިދެގައުމުގައި ސިނގިރޭޓް ބޮއެގެން މަރުވާ މީހުންގެ ރޭޓަކީ 2003 ވަނަ އަހަރު ހެދި ދިރާސާގައި ދައްކާގޮތުގައި 23.1 ޕަސެންޓެވެ. އަދި 2007 ވަނަ އަހަރު މިރޭޓް ވަނީ 19 ޕަސެންޓަށް ދަށްވެފައެވެ. ނަމަވެސް ފަލަބަލީގައި މަރުވާ އަދަދު ވަނީ 17.9 ޕަސެންޓުން 23.1 ޕަސެންޓް މައްޗަށް ގޮސްފައެވެ.
2014ވަނަ އަހަރު، 192،239 މެދު އުމުރުގެ މީހުންގެ މެދުގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ސިނގިރޭޓްބޮއެގެން މަރުވީ މީހުންނަށް ވުރެ ފަލަބަލީގައި މަރުވީ މީހުންގެ އަދަދު މައްޗެވެ. އެހެން ކަމުން މިދިރާސަ އިން ދޭހަވަނީ ފަލަބަލީގައި މަރުވާ މީހުންގެ އަދަދު ގިނައީ އުމުރުން ދުވަސްވީ މީހުންގެ މެދުގައިކަމެވެ. އަދި ސިނގިރޭޓް ބުއިމުން ލިބޭ ގެއްލުން ތަކުން މަރުވާ ގިނަމީހުންނަކީ ޒުވާނުން ކަން ފާހަގަ ކުރެވެއެވެ.
މިދިރާސާހެދުމުގައި އިސްކޮށް ހަރާކާތްތެރިވީ ފަރާތްކަމަށްވާ ޕްރޮފެސަރ ޕެލް ބުނީ، ފަލަބަލީގައި މަރުވާ މީހުން މަރުވަނީ ހަށިގަނޑުގައި އުފެދިފައިވާ ބޭކާރު ބޮޑެތި މަސްތަކުގެ ސަބަބުން ސަރުބީ ހެދި ކެންސަރު ޖެހި އަދި ހިތުގެ މައްސަލަތައް ކުރިމަތިވެގެންކަމަށެވެ. ސިނގިރޭޓް ބުއިމުން ލިބޭގެއްލުމުން ޒުވާނުންނާއި މުސްކުޅިން މިވަގުތު ހޭލުންތެރިކޮށް މިކަންތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާއިރު ފަލަ ބަލީގެ މައުލޫމާތު އާންމުންނަށް ހިއްސާކޮށް އެބައްޔަށް މީހުން ހޭލުންތެރިކޮށް ސަލާމަތް ކުރުމަކީ އެންމެންގެ ޒިންމާއަކަށް މިހާރު ހަދަން ޖެހޭކަމެއް ކަމަށް ޕެލްވަނީ ބުނެފައެވެ.
ސިނގިރޭޓް ބުއިމަށްވުރެން މިހާރު މީހުން ޖަންކްފުޑްސް ބޭނުންކޮށް ފަސޭހައަކަށް ހަށިގަނޑަށް ބެލުމެއްނެތި ސިއްހަތަށް ގެއްލުން ހުރިކާނާ ބޭނުން ކުރަމުންދިޔުމަކީ ކޮންމެ ގައުމެއްގައި ވެސް ފެންނަމުންދާ ހިތާމަވެރި މަންޒަރެކެވެ. ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކާންޖެހެއެވެ. އެއީ ބަލިތަކުން ދުރުކޮށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް އާއި ޕްރޮޓީންސް އާއި މިނެރަލްސް ފަދަ ބައިތައް އޭގެން ލިއްބައިދޭތީއެވެ.
އުމުރު ކިތަންމެ މައްޗަށް ދިޔަކަމުގައި ވީނަމަވެސް އުފާވެރި ހަޔާތެއް ބޭނުންނަމަ ފައިދާ ހުރިކާނާ ބޭނުންކޮށް ގަވައިދުން ކަސްރަތު ކުރުމުން މީހާ ދުޅަހެޔޮކަންމަތީ ދަމަހައްޓައެވެ. މިކަންތަކަށް އިސްކަން ދޭންޖެހެނީ ޒުވާން ދުވަސް ވަރުން ފަށައިގެންނެވެ. އަނގަޔަށް މީރުވެގެން ފެންނަހާ އެއްޗެއް ކެއުމުން ފަހުންދިމާވާ ކަންތައްތައް މާހިތްދައްޗެވެ.