މާގިނައިން ވައި ބޭރުވުން ނުވަތަ ފޮޑި ޖެހެނީ ކީއްވެގެން ކަން އިނގޭ ހެއްޔެވެ؟ މިގޮތަށް ދިމާވަނީ ބަނޑުގައި ގޭސް އުފެދޭ ކަހަލަ ކާނާ ގިނައިން ބޭނުން ކުރެވޭތީއެވެ.
ގޭސްޓްރޮއިންޓެސްޓިނަލް ސޮސައިޓީގެ ހޯދުން ތަކުން ބުނެފައިވާ ގޮތުގައި ހަޖަމުގެ މަސައްކަތް ބަނޑު ތެރޭގައި ހިނގަމުންދާއިރު އުފެދޭ ކްލޯނިކް ބެކްޓީރިއާ އެއްގެ ސަބަބުން ދުވަހެއްގެ މައްޗަށް މީހެއްގެ ބަނޑުން 0.6-1.8 ލީޓަރުގެ ގޭސް ބޭރުވެއެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުގައި ސިއްޙަތި ރަނގަޅު ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް 12-15 ފަހަރު ގޭސް ބޭރުކުރާނެއެވެ. އެގޮތުން މިގޭސް ބޭރުވަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ އަނގައިން ވައި ބޭރުވުމެވެ. އަނެއް ގޮތަކީ ފޮޑިއެއްގެ ގޮތުގައި ގޭސް ބޭރުވުމެވެ.
ބަނޑުގައި އާންމުކޮށް ގޭސް ނުވަތަ ވައި އުފެދޭ ސަބަބުތަކަށް ބަލާއިރު ހަޖަމްނުވާ ކަހަލަ ކާބޯހައިޑްރޭޓްސް ހުންނަ ކާއެއްޗިސް ބޭނުން ކުރުން ހިމެނެއެވެ. އަދި ސަލްފާ، ހަކުރު، ހަކުރުން އުފައްދަފައިވާ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ކާން ބޭނުން ކުރާ ބައެއް ތަކެތީގެ ތެރޭގައި ހިމެނޭ ކެބެޖު، ބްރޯކޮލީ، ބީންސް، ހޯލް ގްރެއިންސް ފިޔާ، އަލުވި، ފަދަ ބާވަތް ތަކަކީވެސް ބަނޑުގައި ގިނަ އަދަދަކަށް ވައި އުފައްދާ ތަކެއްޗެވެ.
ބަނޑުގައި އުފެދޭ ވަޔަކީ ކެއުމަށްފަހު ހަޖަމުކުރުމުގެ މަރުހަލާ ކުރިޔަށް ދާއިރު އުފެދޭ ބެކްޓީރިއާ އަކުން އުފެދޭ އެއްޗެކެވެ. ވައި އުފެދުނަ ނުދިނުމަށް ޕްރަބަޔޮޓިކް މި މާއްދާ ހުންނަ ކާއެއްޗެއް ބޭނުން ކުރުން ރަނގަޅެވެ. ޔޯގަޓަކީ އޭގައި ލައިވްބެކްޓީރިއާ (ޕްރޮބަޔޮޓިކް) ހުންނަ އެއްޗަކަށް ވުމުން ޔޯގަޓް ބޭނުން ކޮށްލުމުން ވެސް ބަނޑުގައި އުފެދޭ ގޭހަށް ލުޔެއް ލިބިގެން ދާނެއެވެ.
ބަނޑުގައި ވައި ފުފެދުނަ ނުދިނުމަށް ހޯދިދާނެ އެންމެ ރަނގަޅު ހައްލަކީ ރަނގަޅަށް ކެއުމެވެ. ކާއިރު ލަސްލަހުން ކެއުމަކީ ބަނޑުގައި ވައި އުފެދުން ދުރުކޮށް ދޭކަމެކެވެ. އަވަސް އަވަހަށް ކެއުމުން ބަނޑުގެ ތެރެއަށް ގޭސް ވަންނަން ފުރުސަތު ލިބެއެވެ. ކެއުމުގައި ބީންސް ކަހަލަ އެއްޗިހި ހިމަނާނާމަ ގިނައިރުވަންދެން ފެނަށް އަޅާފައި ފޯކުރުމަށްފަހު ބޭނުން ކުރުން ރަނގަޅެވެ. މީގެ އިތުރުން ފިޒީ ޑްރިންކްސް، ޗުއިންގަމް އަދި ހަރުކޮށް ހުންނަ މެޓާފަދަ ތަކެއްޗަކީވެސް ބަނޑުގައި ވައި އުފައްދާ އެއްޗިއްސެވެ.
ބަނޑުގައި އުފެދޭ ވަޔަކީ އެއްވެސް މީހަކަށް އެއްކޮށް ހުއްޓުވިދާނެ އެއްޗެއް ނޫނެވެ. ނަމަވެސް ވައި އުފެދޭލެއް މަދު ކުރުމަށް ރަނގަޅު ކާނާ ބޭނުން ކޮށް އެކަމަށް ހައްލު ހޯދި ދާނެއެވެ. ބިސް، މަސް، ލެޓިއުސް، ޒުކިނީ، ޓޮމާޓޯ، ގްރޭޕްސް، މެލަން، ލީން މީޓްސް، އަދި ގިނައިން ޕްރޮޓިން ހުންނަ އެއްޗިހި ބޭނުން ކުރުމުން ވައި އުފެދުމަށް ހައްލުލިބެއެވެ.
މިހުރިހާ ކަމަކަށްފަހު ގަޑިން ކެއުމާއި ފެންބުއިން އަދި ކަސްރަތު ކުރުމަކީވެސް ބަނޑުގައި އުފެދޭވައި މަދުކޮށް ދިނުމަށް ކުރެވިދާނެ ކަންކަމެވެ.