English Edition
Dhivehi Edition
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް - ފޮޓޯ: އަޙްމަދު ޝުރާޢު (އަވަސް)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި “ހިޔާ ފްލެޓް”ތައް ލިބުނު ފަރާތްތަކަށް އަންނަ މެއި/ޖޫން ހިސާބުގައި މީހުންނަށް ވަދެވޭވަރުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ހިޔާ ފްލެޓުތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ މެއި/ޖޫން ހިސާބުގައި މީހުންނަށް އެތަނަށް ވަދެވެން ފަށާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ރާއްޖޭގައި ތާރީހުގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހުންނާނެ އެވެ. މި ފްލެޓްތަކުގެ ތެރެއިން 6،720 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް ރޭ އިއުލާންކޮށްފައިވާއިރު މި ފްލެޓްތަކަށް 23،000 އަށް ވުރެން ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ.

ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށި އެންމެ ފުރަތަމަ އެެއް މަޝްރޫއެވެ. މި މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ހިޔާ ފްލެޓުތަކުން ނަގާނެ ސީދާ ކުލި އަދި އާންމު ނުކުރި ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފްލެޓުތަކުގެ ކުލި 7،000 އަށްވުރެ ބޮޑު ނުކުރާނެ ކަމަށެވެ.