ކުރީގެ ސަރުކާރުން ދޫކުރި ގޯތި ފްލެޓްތަކާ ގުޅޭ މައްސަލަތައް ބެލުމަށް ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީގެ މަސައްކަތް އަވަސްކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އެ ކޮމިޓީގެ ޗެއާ އާމިނަތު އީނާސް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން، “ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމްތަކުގެ ދަށުން ދޫކުރި ފްލެޓްތަކާއި ގޯތިތަކުގެ ކަންކަން ބެލުމަށް މި ކޮމިޓީ އުފައްދާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ލިސްޓު މިނިވަންކަމާއެކު މުރާޖައާކޮށް ބެލުމެވެ.
ނަމަވެސް ކޮމިޓީ އުފެދިގެން ތިން މަސް ވެގެން ދިޔައިރުވެސް ފްލެޓު ލިސްޓާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޓީ ޗެއާ އާމިނަތު އީނާސް ބައެއް މީޑިއާތަކަށް މައުލޫމާރު ދެއްވަމުން ވިދާޅުވީ، މި ކޮމިޓީއަކީ ހައުސިން މިނިސްޓަރަށް ލަފާ އެރުވުމަށް އުފައްދާފައިވާ ކޮމިޓީއަކަށްވާތީ، އެ ކޮމިޓީން އަމިއްލައަށް މައުލޫމާތު ހާމަނުކުރަން ނިންމާފައިވާ ކަމަށެވެ.
“ވަރަށް ގިނަ މަސައްކަތްތަކަކާ ގުޅުން ހުރި މައްސަލައަކަށް ވާތީ، މި ފްލެޓްތައް ދޫކުރުމުގެ މަސައްކަތް އަވަހަކަށް ނިމޭނެ ކަމަކަށް ނުބެލެވޭ،” މިފަދައިން ފްލެޓް ކޮމިޓީގެ ޗެއާ ވިދާޅުވި އެވެ. “ކުރީގެ ސަރުކާރުން ވަކި އުސޫލަކާއި ޝަރުތުތަކެއްގެ ދަށުން މި ފްލެޓްތައް ދޫކޮށްފައި ވަނީ. އެހެންކަމުން ފްލެޓްތައް ލިބުނު ފަރާތްތައް ޝަރުތު ހަމަވޭތޯ ބެލުމަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހޭ،” އޭނާ އިތުރަށް ވިދާޅުވިއެވެ.
މިގޮތުން، ކޮމިޓީގެ މަސައްކަތް އަވަސްކުރަން ދަތިވުމުގެ އިތުރުން، ފްލެޓު ދޫކުރުމުގައި ހުރި މައްސަލަތައް ވެސް ފާހަގަކުރެވެ އެވެ. ކުރިން ފްލެޓު ދޫކުރި ގޮތާ ބެހޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގި ތަހުގީގެއްގައި ވަނީ ފްލެޓުތަކުގެ 60 ޕަސެންޓު ލިބުނީ ޝަރުތު ހަމަނުވާ ފަރާތްތަކަށް ކަމަށް ބުނެފަ އެވެ.
މިފަދަ ސީރިއަސް މައްސަލަތަކެއް ހުރުމުން، އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް ގިނަވެ، ދޫކުރުމުގެ މަރުހަލާ އަވަސްކުރުމަކީ ލަސްވެދާނެ ކަމެއް ކަމަށް ކޮމިޓީ ޗެއާގެ ވާހަކަފުޅުން އެނގެ އެވެ.