English Edition
Dhivehi Edition

އުމަވީދައުލަތުގެ ކުރީކޮޅު މުސްލިމުން މަސައްކަތްކޮށްފައިވަނީ ދައުލަތްފުޅާކޮށް އިސްލާމީ ފުތޫޙާތު ކުރިއަރުވައި މީސްތަކުން، މީސްތަކުންގެ އަޅުވެތިކަމުން ސަލާމަތްކޮށް ﷲ ގެ އަޅުވެތިކަމަށް ގެނެސް އިސްލާމް ދީން ކުރިއަރުވައި ދައުލަތް ތަރައްޤީ ކުރުމުގެ މަސައްކަތެވެ.

މިކަމުގައި މަޝްޣޫލުވެ އުޅުނު ބަޔަކު މިޔުޒިކާއި ނާޗަރަންގީގައި ޙަޔާތުގެ އަގުހުރި ވަޤުތު ހޭދަކޮށްފާނެ ކަމަށް ބުއްދި ޤަބޫލެއް ނުކުރެއެވެ. އެކަމުގެ ހެކި އެންމެ ބޮޑަށް ލިބޭ ދަލީލަކީ އުމަވީންގެ ޢަޞްރުގައި ލަވަކިޔާކަމަށް ތާރީޚުގައި ބުނާމީހުންނަކީ ނިސްބަތުން ވަރަށް މަދު ޢަދަދެއްގެ ބަޔަކެވެ. އަދި މިރޮނގުން ލިޔެވިފައިވާ ފޮތްތަށްވެސް އެހާމެ މަދެވެ. މި ރޮނގަކީ ދީނަށް މީހުން ވަންނަވަރުގެ މޮޅު ފަންނެއްނަމަ އެދުވަސްވަރުގެ ޢިލްމުވެރިން މިދާއިރާ ކުރިއަރުވައި ބޮޑެތި މުއައްލަފާތުތަކާއި ފޮތްތައް ލިޔުއްވީސްކަން ކަށަވަރެވެ.

މުސްތަޝްރިޤުން ބުނާގޮތުގައި އުމަވީންގެ މިޔުޒިކީ ރަންޒަމާން އޮތީ އަންދަލުސްގައެވެ. އާއެކެވެ! އެއީ ވަރަށްވެސް ބޮޑު ތެދެކެވެ. އުމަވީ ޚިލާފަތުގެ ބާރުކެނޑި އެޚިލާފަތް ބަލިކަށިވެގެން ދިޔަ ދުވަސްވަރު ވެރިންނާއި ޤައުމުގެ ބޮޑުން މިޔުޒިކާއި ނާޗަރަންގީ ގެތެރޭގައި ޣަރުޤުވެފައިވާކަމީ ތާރީޚު ހެކިދޭ ޙަޤީޤަތްތަކެވެ. ނާޗަރަންގީ އާއި މިޔުޒިކުން މުސްލިމުންނަށް ލިބުނީ ބަލިކަށިކަމާއި ނިކަމެތިކަމާއި ގެއްލުންކަން ތާރީޚު މިވަނީ ހެކިދީފައެވެ.

ޢައްބާސީ ދައުލަތުގައި މިޔުޒިކަށާއި ނާޗަރަންގީއަށް ލޯބިކުރެއްވިކަމަށް މުސްތަޝްރިޤުންގެ ފޮތްތަކުގައި މަޝްހޫރު ކުރާ އެއް ބޭކަލަކީ ޚަލީފާ ހާރޫނު ރަޝީދެވެ. މިކަމަށް އެމީހުން ދަލީލު ނަގަނީ ޚިޔާލީ ވާހަކަތަކުގެ މައްޗަށް އެކުލެވިފައިވާ “އަލްފް ލައިލާ” ފަދަ ފޮތްތަކުންނެވެ. ނަމަވެސް އިތުބާރު ހިފޭ ތާރީޚީ ޢިލްމުވެރިންކަމަށްވާ އިބްނު ޚުލްދޫނާއި އިބްނުލް ޖައުޒީފަދަ ބޭކަލުންގެ ވާހަކަތަކުން އެނގިގެންދަނީ ޚަލީފާ ހާރޫން ރަޝީދަކީ އަޅުވެރި ތަޤްވާވެރި ވަރަޢުވެރި ބޭކަލެއް ކަމެވެ. އެކަލޭގެފާނަކީ ކޮންމެ ދެއަހަރަކުން އެއްފަހަރު ޙައްޖުވެ އަނެއް އަހަރު މާތް ﷲ ގެ މަގުގައި ޖިހާދު ކުރައްވާ ކޮންމެ ރެޔަކު ރޭއަޅުންކަން ކުރައްވާ ބޭކަލެއްގެ ގޮތުގައެވެ.ކިސާއީ އާއި އަބޫޔޫސުފު ފަދަ ދަންނަ ބޭކަލުންގެ ޢިލްމުގެ މަޖްލީސްތަކަށް ޙާޟިރު ވެލައްވާ ވެރިއެއް ގޮތުގައެވެ.

މިފަދަ ބޭކަލުން މިޔުޒިކާއި ލަވައާއި ނާޗަރަންގީގެ ތެރޭގައި ޙަޔާތް ހޭދަކުރިކަމަށް ބުނެ ފަތުރާފައިވާ ވާހަކަތަކީ އެބޭކަލުންގެ ބޮލުގައި އަޅުވާފައިވާ ދޮގު އިލްޒާމުތަކެއްކަން ތާރީޚު ހެކިދެއެވެ. ކަން މިހެން އޮތް ނަމަވެސް އުމަވީ އަދި ޢައްބާސީ ޚިލާފަތުގެ ދުވަސްވަރުގައިވެސް އޭގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އިސްލާމީ ދުނިޔޭގައި މިޔުޒިކް ޙަރަކާތްތައް ހިނގަމުންދާކަމީ ތާރީޚުގައި ހެކި ފެންނަން އޮތްކަމެކެވެ. ވެރިންނާއި ޚަލީފާއިންގެ އެކި ޢަހްދުތަކުގައި އެކަން މަނާކުރެވި ހުއްޓުވިފައިވާއިރު، އަނެއްބައި ވެރިން އެކަމަށް ތަރުޙީބުދީ ޚަރަދުކޮށް އޭގެތެރެއަށް ރަލާއި އަންހެނުންވެސް ވައްދައި މަޖަލާއި މަސްތުގެ މަޖްލީސްތައް ކުރިއަށް ގެންގޮސްފައި އެބަހުއްޓެވެ.

ސުވާލަކީ އެދުވަސްރު ވެރީންގެ ދަރުބާރުގައި ހިނގި ކަންކަމީ އަޅުގަނޑުމެން އެކަން ކުރަން އޮތް ދަލީލެއް ނުވަތަ ޙުއްޖަތެއް ތޯއެވެ؟ އެދުވަސްވަރު މީހުން ރާވެސްބޮއެ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ފާޙިޝް އެތައް ކަމެއް ހިނގާފައިވެއެވެ. ވީމާ އުމަވީ އައްބާސީ ޚިލާފަތު ގަނޑުވަރުތަކުގައި ހިނގި ކޮންމެ ކަމަކީ ހުއްދަ ކަމެއްކަމަށް ދެކެން ފަށައިފިކަމުގައިވާނަމަ ވަރަށް ގިނަ ޙަރާމްކަންކަން ހުއްދަވެގެން ހިނގައި ދާނެއެވެ. މުސްލިމުން ރުޖޫޢަވެ ކިޔަމަންތެރި ވާންޖެހެނީ ކީރިތި ޤުރުއާނަށާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވައްސަލަމް ގެ މަތިވެރި އިރުޝާދުތަކަށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމާއި އުފަލާ ހިތްހަމަޖެހުމާއި ފޮނިމީރުކަން ވަނީ މިކަމުގައެވެ .